އެންމެ ފަހުން ރައީސް ތަސްދީޤުކުރެއްވި ތިން ބިލެއްގައި ހިމެނޭ ކަންކަން

11 މެއި 2022 - 16:31

މާރިޗު 10، 2022 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ތިން ބިލެއް ތަސްދީޤުކުރައްވައިފަ އެވެ. އެއީ، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް ( ޤާނޫނު ނަންބަރު: 06/2013) ދެވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، އަދި ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު

މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ފޮރިން ސަރވިސްގެ މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ފޮރިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށް އެ ޤާނޫނުގައި ބުނާ 44 ވަނަ މާއްދާގެ (ށ) ވަނީ އުނިކޮށްފައެވެ. އަދި، މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އާއި، 56 ވަނަ މާއްދާގެ (ނ) އަށް ބަދަލު ގެނެސް، މި ޤާނޫނުގެ 71 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް ތިން އަކުރު ވަނީ އިތުރުކޮށްފައެވެ.

advertisement

މި ބަދަލުތަކުގެ ތެރޭގައި ފޮރިން ސަރވިސްގެ މުވައްޒަފުންގެ ތެރެއިން 47 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ޚިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޢިނާޔަތް ދޭންވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި، ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމުގައި ވެސް ވަނީ ބަޔާންކޮށްފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް ( ޤާނޫނު ނަންބަރު: 06/2013) ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު

މި ބިލަކީ 25 އެޕްރީލް 2022 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިޞްލާޙުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުގެ 3 ވަނަ މާއްދާއަށް އިޞްލާޙު ގެނެސްފައިވެއެވެ. އެގޮތުން މި ޤާނޫނުގެ ބޭނުމަށް ވިޔަފާރިތައް ބެހިގެންވާ 3 ގިންތީގެ ތެރެއިން ގިންތިއެއްގައި ވިޔަފާރިއެއް ހިމެނުމަށް ބަލާ މިންގަޑުތަކަށް ބަދަލުގެނެސްފައިވެއެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، 30 ޖުލައި 2022 ގެ ކުރިން، ރަޖިސްޓްރާރ އަލުން ގިންތިކޮށް ދަފްތަރުކޮށް، ޢާންމުކުރަންވާނެކަމުގައި ބަޔާންކޮށްފައި ވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް ( ޤާނޫނު ނަންބަރު: 06/2013) ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައެވެ. 

ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު

މި ބިލަކީ، މި އަހަރުގެ އޭޕްރީލް މަހުގެ 25 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ބައެއް މާއްދާތަކުގެ އަކުރުތައް އިޞްލާޙްކުރުމާއި ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކުރުން ހިމެނެއެވެ. އެގޮތުން މި ޤާނޫނުގެ 11 ވަނަ މާއްދާގެ ފަހަތަށް ދެ އަކުރެއް ވަނީ އިތުރުކޮށްފައެވެ. އޭގައިވާ ގޮތުން ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމާކުރުމާއި، ޤާއިމުކުރުމާއި، އެ ނިޒާމުތަކުން ޚިދުމަތްދިނުމާބެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން އެކުލަވާލުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ.

މި ޤާނޫނުގެ 54 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައިވާ ގޮތުން ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް، -/5,000 (ފަސްހާސް) ރުފިޔާއާއި -/1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
1