މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

27 ޖޫން 2022 - 19:30

ރައީސުލްޖުމްހޫރިއްޔާ، ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ރުވާންޑާއަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

advertisement

ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ، 1 ފެބްރުއަރީ 2020ގައި ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މިއީ 39.9 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ރާއްޖެ އައިޓީއެފްސީގެ މެންބަރަކަށްވާން މަޖިލީހުން ފާސްކޮށްފި

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގްރޫޕްގައި ހިމެނޭ އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ)ގެ މެންބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް 39 މެމްބަރުންގެ ވޯޓަކުން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

ޔޯގާ ޑޭ ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

2022 ޖޫން 21 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން 2022 ޖޫން 25 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު (25އ) އާއި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް (31އ) އެވެ. އެމީހުންގެ ތެރެއިން އަބޫބަކުރު ފާރިޢު 60 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވާއިރު ޝަބިމް އާދަމް ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ 10 ދުވަހަށެވެ.

އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒިކް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މިއަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒިކް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0