ފަނާކުރަނިވި ފަތުރުވެރިކަން ދެމެހެއްޓެނިވި ސިނާއަތަކަށް ބަދަލުވާން ޖެހޭ!

27 އޮކްޓޯބަރ 2022 - 15:05

މޫސުމަށް އަންނަބަދަލުތަކާއި، ސީ-ލެވެލް ރައިޒް ގެ އަސަރުތައް މިހާރުވެސް ރާއްޖެއަށް ފެންނަން ފަށައިފިއެވެ. އޭގެ ތަކުލީފުތައް އުފުލަމުން އަންނަނީ އާއްމުންނެވެ. ގަސް މަދުވެ، ރަށްރަށުގެ ހޭޅިފަށް ބަލިވުމެވެ. އާދަޔާ ހިލާފަށް ހޫނު ގަދަ ވުމެވެ. މަސްވެރިކަން ދަށް ވުމެވެ. އެން ހުސްވުމެވެ. ގުދުރަތީ ރައްކާތެރިކަމުގެ ފަށަލަތައް ހަލާކުވެ ރަށްތައް ގިރަމުން ކުދިވަމުން އައުމެވެ. ވިއްސާރަ މޫސުމުގައި އާދަޔާ ހިލާފަށް ބޯކޮށް ގިނައިން ވާރޭވެހި ފެންބޮޑުވުމެވެ. ނަގާ ރާޅުތައް ބޮޑުވުމެވެ.

ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާތަކެއް

  • ހޫނުމިން: 2021 ވަނަ އަހަރާއި 2050 އާއި ދެމެދު، އަހަރެއްގެ މައްޗަށް އެވެރެޖް ކޮށް 1.8C ޑިގްރީ އަށް އިތުރު ވެގެންދާނެކަމަށް ލަފާކުރެވޭ.
  • ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން 0.15C ޑިގްރީއަށް ކޮންމެ 10 އަހަރަކުން އިތުރުވާނެ ކަމަށް ލަފާކުރެވޭ.
  • އަދި 2100 ވަނައަހަރާއި ހަމައަށް ކަނޑުގެ އުސްމިން 0.40 އާއި 0.48 މީޓަރަށް އުފުލިގެން ދާނެ ކަމަށް ލަފާ ކުރެވޭ؛

މިހާރު ހިންގާ ފަތުރުވެރިކަމަކީ ފަނާކުރުވަނިވި ކަމެއް

ހަދަމުން ދާ ރިޒޯޓުތައް ނުހިމަނައި، މިވަގުތު ހުޅުވާ ހިންގަމުން އަންނަ ރިޒޯޓުތަކުގެ އަދަދަކީ 167 އެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް ވުރެ ވެސް ގިނަ އަދަދެކެވެ. އެކި ރަށްރަށުގައި ޖުމުލަ 808 ގެސްޓްހައުސް އާއި 13 ހޮޓެލް މިވަގުތު ހިންގަމުން އެބަ އާދެއެވެ.

advertisement

މިހާރު އޮތް ޑިމާންޑަށް ކޭޓާ ކުރުމުގެ ގޮތުން އެތެރޭގެ އުދުހުންތައް ވަނީ ގިނަކޮށްފައެވެ. ޓޫރިޒަމްގެ ބޭނުމަށް ރާއްޖެތެރޭ އެކި ހިސާބުތަކުގައި އެއާޕޯޓުތައް އިތުރުކޮށްފިއެވެ. ތެޔޮ އަންދާ މިންވަރު އިތުރުވެއްޖެއެވެ. ކުނި އުފައްދާ މިންވަރު އިތުރުވެއްޖެއެވެ. ޓޫރިޒަމްގެ ސަބަބުން ފަރުތަކުގެ ދިރުންތައް މަރުވާން ފަށައިފިއެވެ.

ކޮންމެ ހިއްކުމަކާއި އެކު އެތަކެއް ހިސާބަކަށް ގެއްލުން ފޯރައެވެ. ޓޫރިޒަމްގެ ބޭނުމަށް ވަރަށް ގިނަ ރަށްރަށުގެ އައްސޭރިފަށަށް ގެނެވޭ ބަދަލުތައް (ވެލި ނެގުން، ޗެނަލް ކެނޑުން، ބިން ހިއްކުން، އަދި ބަނދަރު ހެދުން ފަދަ ކަންކަމަކީ) ކަނޑުގެ ދިރުންތަކަށާއި ރަށުގެ ވަށައިގެންވާ މާހައުލަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބޭ ކަންކަމެވެ. ދައްކަން މިއުޅެނީ ވެށީގެ ސަސްޓެއިނަބިލިޓީ އާއި ވެށި ފަނާކުރަނިވި އަމަލުތަކުގެ ވާހަކައެވެ.

ރިސޯޓުތަކުން މޫދަށް ކުނިއަޅާއިރުވެސް ކަމާބެހޭ އިދާރާތަކަށް ނުބެލޭ

އެންމެ ފުރަތަމަ ކުނީގެ ވާހަކައެވެ. ކުނީގެ ބާވަތްތަކުގެ ހިއްސާ އަށް ބަލާއިރު، ރިސޯޓްތަކުން ބޮލެއްގެ މައްޗަށް، 3.5kg ގެ ކުނި އުފައްދައެވެ. މިއީ މާލެއިން އުފައްދާ ކުނީގެ ނިސްބަތުން ނަމަ، 2 ގުނަ، އަދި ރާއްޖެތެރޭގެ ރަށްރަށުން އުފައްދާ ކުނީގެ ނިސްބަތުން ނަމަ 4 ގުނައަށްވުރެ އިތުރު އަދަދެކެވެ. ހަކަތައަށާއި ކެމިކަލްގެ ބާވަތްތަކަށް ބަލާއިރު، ގައުމުގައި ބޭނުން ކުރެވޭ ފޮސިލް ފިއުލްގެ ބޮޑުނިސްބަތެއް ބޭނުން ކުރަނީ ޓުއަރިޒަމް ސެކްޓަރ އިންނެވެ.

އަދި ދޮވެސާފުކުރުމަށް ބޭނުންކުރާ އިންޑަސްޓްރިއަލް ކެމިކަލް ތަކާއި ޑިޓާރޖަންޓްތައްވެސް އެއްމެ ގިނައިން ބޭނުން ކުރަނީ ރިސޯޓްތަކުންނެވެ. ރިޒޯޓުތަކުން ލޯންޑްރީ އިން ބޭރުކުރާ ކެމިކަލް ފެން ހިންދަނީ ބިމަށްތޯ ބޭރުކުރަނީ ކަނޑަށްތޯ ސާފެއް ނުވެއެވެ. ރާއްޖޭގައި ބޭނުން ކުރެވޭ ކެމިކަލް ތަކާއި ގުޅޭ ވަކި ހާއްސަ ގާނޫނެއް ނެތް އިރު، މިފަދަ ފަނާކުރުވަނިވި ތަކެތީގެ ސަބަބުން ވެށި ހަލާކުވެ މަރުވަމުން ދާއިރު މިކަމަށް އީޖާދީ ދެމެހެއްޓެނިވި ހައްލުތައް ހޯދެން އެބަހުއްޓެވެ. ނަމަވެސް ރިޒޯޓުތަކުން މިހާރު އަމަލުކުރަމުން އަންނަނީ އެންމެ ފަސޭހަ އަދި ހަރަދު ކުޑަ ގޮތަކީ ކޮބައިތޯ ބަލައިގެންނެވެ. ނަތީޖާ އަކީ ވެށި ފަނާވަމުން ދިޔުމެވެ.

ތިމާވެށީގެ މުހިއްމުކަން އިގްސާދު ކުރިއެރުވުމަށް މުހިއްމުކަން “ގެޓު” ނުވަނީތަ?

ދެން އޮތީ ފަޅުތަކާއި ފަރުތައް ގޮއްވައި ހިއްކާ ވާހަކައެވެ. ކަނޑުގެ ދިރުންތައް މަރަމުން، ބޮޑެތި ޑްރެޖަރުތައް ގެނެސް ބޭނުން ގޮތަށް ކަނޑުތަކުން ވެލި ނަގަނީއެވެ. ކަނޑޫފާ ތަކާއި ކުޅިތަކަށް ފަސްއަޅައި ބަރަނީއެވެ. އީއައިއޭ ކަރުދާސް ވަކިބަޔަކު ބޭނުންވާ ގޮތަށް ބަދަލުކުރުން އާއްމުވެއްޖެއެވެ. އީއައިއޭ އާއި ހިލާފަށް ކަންކަން ކުރުމަށްފަހު ދައުލަތަށް ކުޑަ ޖޫރިމަނާއެއް ދައްކާފައި ސަލާމަތްވުން އާއްމު ވެއްޖެއެވެ. މަސްވެރިންނަށް އެން ނުލިބޭ މިންވަރަށް އެތެރެވަރީގެ ކަނޑުތައް ކިލަނބުވެ ތަގައްޔަރު ވެއްޖެއެވެ.

މިއީ ކާނާގެ ކަށަވަރުކަމާއި ގުޅުން ހުރި ކަމެއް ނަމަވެސް މިކަމާއި ކަންބޮޑުވާ ދައުލަތުގެ އިދާރާއެއް ނެތެވެ. ވ. އަންބަރާގެ ކަނޑޫފާ (ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް) ހަލާކުކުރި މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު ބުނެފައިވަނީ އެތަން ބެރިފައިވަނީ ރާޅެއް އަރައި، ވެއްޔާއި ރަށުތެރޭގައި ހުރި އިމާރާތްތައް އެތަނަށް އެޅިގެން ކަމަށެވެ. މިއީ ދައުލަތުގެ މިނިސްޓަރަކު، ވެށި ހަލާކުކުރުމަށް ހިއްވަރުދިނުން ނޫން އެހެން ކޮންކަމެއް ތޯއެވެ؟

ރާއްޖޭގެ ރަށްތައް މިހާރު ބަދަލުވަމުން އަންނަނީ ކުދި ރިޒޯޓުތަކަކަށެވެ. ރައްޔިތުންނަށް އާމްދަނީއެއް ލިބެން އޮތީ ގޭގައި ހުރި އެނދުތައް ވިއްކައިގެން ކަމަށް ސަރުކާރުތަކުން ބުނަން ފެށުމާއި އެކު ރައްޔިތުން ތިބީ ތިމާ ނިދާ އެނދުވެސް ފަތުރުވެރިއާއަށް ވިއްކަން ތައްޔާރަށެވެ. މިކަމުގެ ސަބަބުން ވެށްޓަށް ލިބޭނެ ގެއްލުންތައް ކުޑަ ކުރުމުގެ ސިޔާސަތުތަކެއް އަދިއެއް ނެތެވެ. ރަށްރަށަށް އިންޖީނުލީ އުޅަނދު އެރުވުން މަނަލެއް ނުކުރެއެވެ. ޑައިވް ސައިޓުތަކަށް ފީނުމުގައި އަމަލުކުރަންވީ ގޮތެއް ނެތެވެ. ކެމިކަލް ބޭނުންކޮށް ނައްތާލުމުގައި އަމަލުކުރާނެ ގޮތެއް ނެތެވެ. އުޅަނދުތައް އެތެރެކުރުމުގެ ހައްދެއް ނެތެވެ. މިފަދަ އުޅަނދުތަކާއި ނުލައި ރިޒޯޓުތައް ހިންގާ ފަދައިން މީހުން ދިރިއުޅޭ ކުދި ރަށްރަށުގައި ވެސް ތެޔޮ އެންދުން މަދުކޮށްގެން ފަތުރުވެރިކަން ހިންގިދާނެއެވެ.

އިންޒާރުތައް ބިރުވެރި!

މި ގުދުރަތީ ވަސީލަތްތައް ހިމާޔަތްނުކުރެވިއްޖެ ނަމަ، ރާއްޖޭގެ އިގުތިސާދު އެކަމެއްގެ މައްޗަށް ބަރޯސާވާ، ރާއްޖޭގެ މާހައުލާއި، ތިމާވެށި ހަލާކުވެ، ކަނޑުގެ ދިރުމާއި، މުރަކަތަކާއި، މަސްމަހާއި މެހި، އަދި ދޫނި ފަދަ ތަކެތި ނެތިގެން ދިއުން އެކަށީގެންވާކަމަށް ތިމާވެށީގެ މާހިރުން އަންނަނީ ކެނޑިނޭޅި ތަކުރާރުކޮށް ބުނަމުންނެވެ. މިތަންތަނުގެ މައްޗަށް ބަރޯސާވާ ސިނާއަތްތަކަކީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ގައުމުގެ ޖީޑީޕީގެ 89% އަށް ހިއްސާ ކުރާ ސިނާއަތްތަކެވެ. އަދި އެ ސިނާއަތްތަކުން 71% ވަޒީފާތައް އުފައްދައެވެ. ވީމާ މިތަންތަން ނެތިގެން ދިޔުން ވާނީ އަހަރެމެން ނެތިގެން ދިޔުން ފަދަ ކަމަކަށެވެ.

ގާނޫނު ނަމްބަރ 4/93 އަކީ ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށް ބާރުލިއްބައިދޭ ގާނޫނެވެ. މި ގާނޫނަކީ 20 އަހަރު ވެފައިވާ ބާ ގާނޫނެކެވެ. ޓުއަރިޒަމް ފަދަ ސިނާއަތްތަކުން ތިމާވެށްޓަށް ކުރާ އަސަރާއި ލިބޭ ގެއްލުންތަކަށް ރިއާޔަތްކުރުމުގެ ގާބިލު ކަމެއް މިގާނޫނުތަކުގައި ނެތެވެ. ވީމާ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ ހޯދުމަށް ބާރުއެޅުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ދައުލަތުން ސަމާލުކަން ދޭން ޖެހެއެވެ. ޖޫރިމަނާ ކުރުމަކީ ރިޒޯޓަކަށް ދެވޭ އަދަބެއް ކަމުގައި ނުބެލެވޭނެއެވެ. ސަބަބަކީ ނުގަވާއިދުން ކަމެއް ކޮށްފައި، ދައުލަތައް ޖޫރިމަނާ ފައިސާ ދައްކާލުމަށް ފަހު ވެސް ނުގަވާއިދުން އެކުރި ކަމެއްގެ މަތީގައި އެފަރާތްތަކަށް ދެމިތިބެވޭތީއެވެ.

މިސާލަކަށް ކަނޑޫފާ ހިއްކި ކުންފުނި ޖޫރިމަނާ ކުރުމުން އެފައިސާ ދައްކާފައި، އެ ކަނޑޫފަލުގައި ކޮޓަރިއަޅައި ވިއްކުމުގެ ފުރުސަތު އެފަރާތައް އޮވެއެވެ. ވީމާ، ގާނޫނު ހެދުމާއި، އެގާނޫނުތައް ތަންފީޒު ކުރުމާއި، ވެށި ހަލާކުވާފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް މިހާރަށްވުރެ ހަރުކަށި އަދަބު ކަނޑައެޅުން މުހިންމެވެ. ހަމަ މިއާއި އެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ހިންގަމުން އަންނަ ވެށްޓަށް ގެއްލުން ލިބޭ ކަންކަން ހުއްޓުވައި، ވެއްޓާއި ރައްޓެހި، ވެށްޓަށް ވީހާވެސް ގެއްލުން ކުޑަ ގޮތްގޮތަށް ކަންކަން ކުރުމަށް މަޖުބޫރުކުރުވަން ޖެހެއެވެ. ރާއްޖެއަކީ އަހަރެމެންގެ އެކަނި ތަނެއް ނޫނެވެ. މިތަނަކީ މިއަދުގެ ކުދިން ދިރިއުޅެން އޮތް ތަންވެސް މެއެވެ. އެކުދިންގެ ދިރިހުރުމާއި ގުޅިފައި އޮތް ކަމެއްގައި އަޅާނުލައި ތިބެވޭކަށް ނެތެވެ.

ރިއެކްޝަންސް
0
0
0
1
0
0
0