ރިޕޯޓް: ރާއްޖޭގެ އާބާދީގެ ތަފާސް ހިސާބުން ބިރުވެރި މަންޒަރެއް!

6 ނޮވެމްބަރ 2022 - 16:35

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން 2018 ވަނަ އަހަރު އަންދާޒާކޮށްފައިވާ ގޮތުގައި ޖަޕާނުގައި 60 އަހަރުން މަތީ އުމުރުގެ މީހުންގެ އާބާދީ 2015 އަހަރުން ފެށިގެން 2050ގެ ނިޔަލަށް 12 ޕަސެންޓުން 22 ޕަސެންޓަށް އިތުރުވެގެންދާނެއެވެ. ޖަޕާނަށް މިހާރު ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސައްކަތު އާބާދީ މުސްކުޅިވުމެވެ. މިއީ އިގްތިސާދީ ދުވެލި މަޑުޖެހިގެންދާ ސަބަބެކެވެ.

ދުނިޔޭގެ އާބާދީ މުސްކުޅިމަވުންދާ މައްސަލައަކީ ޑަބްލިޔުއެޗްއޯ އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ވިހެމުގެ ތެރޭގައި މަރުވާ ކުދިން މަދުވުމާއި މީހެއްގެ އެވްރެޖް އުމުރު ދިގުވުން ހިމެނެއެވެ. މީގެ އިތުރުން ގައުމުތަކުން އާބާދީ ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތްތަކާއި އަދި ދިރިއުޅުމުގެ ވައްޓަފާޅިއާ އެކު އާބާދީ ކޮންޓްރޯލްކުރުމުގެ ވިސްނުން މުޖުތަމައުތަކުގައި އަށަގެންފައިވުމަކީ ވެސް މީގެ ސަބަބެކެވެ.

advertisement

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗް އިން އަންދާޒާކުރާ ގޮތުން 2036 ވަނަ އަހަރު ޖަޕާނުގެ އާބާދީގެ ކޮންމެ ތިން މީހަކުން އެކަކީ 65 އަހަރުން މަތީގެ މީހަކަށް ވާނެއެވެ.

ޖަޕާނުގެ މިޔާގީގެ ސެންޑާއީގައި ހުންނަ ޓޮހޮކޫ ޔުނިވާސިޓީގެ އިގްތިސާދީ ތަޖުރިބާކާރުން ކަމަށްވާ މަސަހީރޯ އިޝިގާކީ އާއި ހިރޯޗީ ޔިސީޑާގެ އަންދާޒާތަކުން ދައްކާ ގޮތުން 3766 ވަނަ އަހަރު ޖަޕާނުގެ އާބާދީ ގާތްގަނޑަކަށް ނިމުމަކަށް އަންނާނެއެވެ. އެ އަހަރުގެ އޯގަސްޓް 6ގައި ޖަޕާނުގައި ހުންނާނީ އެންމެ ކުޑަކުއްޖެއް ކަމަށް މި އަންދާޒާ އިން ދައްކައެވެ.

އުމުރުން ދުވަސްވީ މީހުން ގިނަވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

އާބާދީގައި އުމުރުން ދުވަސްވީ މީހުން ގިނަވުމުގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ބޮޑެތި ގޮންޖެހުންތަކެއް ވެސް ޖަޕާނަށް އެބަ އޮތެވެ. ޖަޕާނުގެ އާދަކާދަތައް ހުންނަ ގޮތުން އުމުރުން ދުވަސްވީ މީހުން ބެލުމަކީ އެ މީހުންގެ ދޮށީ ފިރިހެން ދަރީގެ މައްޗަށް އޮން ޒިންމާއެކެވެ. ނަމަވެސް ޒަމާނާއެކު މި ސަގާފަތް ވެސް ވަނީ ބަދަލުވާން ފަށައިފައެވެ.

ސަބަބަކަށް ވަނީ އިގްތިސާދީ ބުރަހެލިކަން ބޮޑުވުމުވެ. މައިންބަފައިން ބެލުމަށް ގޭގައި ހޭދަކުރާނެ ވަގުތު މީހުންނަށް ނުލިބުމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުން ބަލާނެ ތަންތަން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ސަރުކާރުން ވަނީ 2000 ވަނަ އަހަރު ސޯޝަލް ކެއާ ސިސްޓަމްގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ބަލަހައްޓާނެ ގޮތްތަކެއް ހަމަޖައްސާފައެވެ.

އެ ގޮތުން އެ ފަދަ ތަންތަން ހެދުމަށް ކޮންމެ އަހަރަކު 400 ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލް ބަންދުކޮށް ނާސިން ހޯމްތަކަށް ބަދަލުކުރަންޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މީހުންގެ އުމުރު ދިގުވުމުގެ ނަތީޖާއަކަށްވެފައި ވަނީ އެ ތަންތަނަށް ވެސް ނުކަތައި އެތައް ބަޔަކު އެކަނިވެރިކަމުގައި އެފަދަ ތަންތަނުގައި ދިރުއުޅެން މަޖުބޫރުވެފައި ވުމެވެ. އަދި ސަރުކާރަށް އުފުލަންޖެހޭ ބުރަ އިންތިހާ އަށް ބޮޑުވަމުން ދިއުމެވެ.

މިއީ ހަމައެކަނި ޖަޕާނަށް އޮތް ބިރުވެރިކަމެއް ނޫނެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އުފުލަންޖެހޭ ބުރަ ވަކި ކުޑައެއް ނޫނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީ ވެސް މިސްރާބުހުރީ މުސްކުޅިވުމާ ދިމާއަށެވެ. މި ވަގުތު އާބާދީގައި ކުޑަކުދިންނާއި ޒުވާނުން ގިނަ ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ޖަޕާނެކޭ އެއްގޮތަށް އުމުރުން ދުވަސްވީ މީހުންގެ ބޮޑު އާބާދީއެއް ރާއްޖޭގައި ވެސް އޮންނާނެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް އޮތީ އެކަނިވެރިކަން؟

މިހާރު ކުރަމުންދާ ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ސާފުވެފައިވާ ބައެއް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަށް ދިވެހިންގެ ގޮތުގައި އިތުރުވެފައި ވަނީ 16،897 މީހުންނެވެ. އެއީ އަހަރަކަށް އެވްރެޖްކޮށް 2،112 އެވެ. އަދި ދުވާލަކަށް 5.7 އެވެ. ރަށަކަށް ބަލާ ނަމަ އެވްރެޖްކޮށް 84 އެވެ. މިހާތަނަށް ސާފުވި ތަފާސް ހިސާބުތަކުން ބަލާ ނަމަ ދިވެހިންގެ އާބާދީގެ ޖުމްލައަކީ 355،331 އެވެ. ބޯހިމެނުމުގެ މަސައްކަތް އެއްކޮށް ނިމޭއިރު މި އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

އާބާދީ މުސްކުޅިވުމާ ދިމާއަށް މިސްރާބުޖަހާފައިވާ އިރު ރާއްޖެއަކީ ޖަޕާނު ފަދަ ގައުމުތަކާ އަޅާބަލާއިރު ސޯޝަލް ސެކިއުރިޓީ ނިޒާމް ވަރަށް ދޯދިޔާ ގައުމެކެވެ. އުމުރުން ދުވަސްވީ މީހުން ބަލާނެ ތަންތަނެއް މިހާތަނަށް ގާއިމުކުރެވިފައެއް ނެތެވެ. އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސެއް ވެސް ދޭން ފެށީ ވަރަށް ފަހަކުންނެވެ. ނަމަވެސް އެއީ އަދި ކުޑަ މިންވަރެކެވެ.

ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތުން އުމުރުން ދުވަސްވީ މައިންބަފައިންނަށް ހިދުމަތްކުރުމުގައި ދެމި ތިބުމަކީ ނުވަތަ އެ މީހުން ބެލުމަށް ގޭގައި ތިބުމަކީ ކޮންމެ މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. އިގްތިސާދީ ހާލަތު ހުންނަ ގޮތުން އެކަމަކަށް ތަނެއް ވެސް ނުދެއެވެ. ދެމަފިރިން މަސައްކަތް ކޮށްގެން ނޫނީ ދިރިއުޅެވޭނެ ގޮތެއް ނެތް އިރު މުސްކުޅި މައިންބަފައިން ބެލުމަށް ވެސް މިކަން ވަނީ ހުރަހަކަށް ވެފައެވެ. އަދި ތައުލީމީ އަންހެން ޖިލެއް އުފެދިގެން އަންނައިރު، ދަރިން ހޯދުމުގެ ނިސްބަތް މަދުވެގެން ދާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

އާބާދީގައި އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާ އިރު ސޯޝަލް ސެކިއުރިޓީ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހެއެވެ. އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމަށް ނާސިން ހޯމް އަދި އެ މީހުންނަށް ހާއްސަ ތަންތަން ހަދަންޖެހެއެވެ. މިކަންކަން ކުރުމުގައި ދައުލަތުގެ ބަޖެޓަށް ބުރަނުވާނެ ފޯމިއުލާތައް ހޯދަންޖެހެއެވެ. އަދި ދަރިން ޒިންމާދާރުކުރެވޭނެ މަގަކުން ކުރުން މުހިންމެއެވެ. މިއީ ސަގާފަތާ ދެކޮޅު ކަމެއްގެ ގޮތުގައި ބަޔަކު ނެކުނަސް މިއީ ދައްކަންޖެހޭ ވާހަކައެކެވެ. ރާއްޖޭގެ އިޤްތިސާދި ހިންގުމަށް ކުރިމަގުގައި ބައި މިލިއަން މަސައްކަތްތެރިން ބޭނުންވާނެކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެއެވެ. މިހާރު މިދާގޮތުން, ރާއްޖޭގެ އާބާދީގަައި މުސްކުޅިން އާބާދީ އިތުރުވާ މިންވަރަށް އާބާދީ އިތުރުނުވުމުގެ މައްސަލަ ބޮޑުވެ އިޤްތިސާދު ހިންގުމަށް ބޭނުންވާ ދިވެހިން ނުލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ, ބިދޭސީންނަށް ބަރޯސާބުން އިތުރުވެގެންދާނެއެވެ.

ރިއެކްޝަންސް
0
0
2
2
0
0
0