ރިޕޯޓް: ރޯބުހުތާނު ދޮގާއި ކުއްލި ހަބަރާއި ދިވެހި މީޑިއާ

16 ނޮވެމްބަރ 2022 - 15:40

ފޮޓޯ: ޔޫ.އެސް މިޝަން ޓު މޯލްޑިވްސް

ޒަމާނަށް އައި ބަދަލާ އެކީގައި މައުލޫމާތު ފޯރުކޮށްދިނުމުގެ ވައްޓަފާޅިއަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއް ދުވަހު ހިނގާ ކަމެއް ޖެހިގެން އަންނަ ދުވަހު ގެނެސްދިން ޒަމާން ފަހަނައަޅައިފިއެވެ. މިހާރު ކޮންމެ ކަމެއް ވެސް އެ ކަމެއް ހިނގާ ވަގުތުގެ ތެރޭގައި ގިނަ ބަޔަކަށް އެނގޭނެ މަގުތައް ވަނީ ފަހިވެފައެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހިނގާ ކަމެއް ވެސް ވަގުތުން ވަގުތައް އެތައް ބަޔަކަށް އެނގޭނެ މަގުތައް ޓެކްނޮލޮޖީގެ އެހީގައި ވަނީ ތަނަވަސްވެފައެވެ.

advertisement

އެހެންކަމުން ޚަބަރު ފަތުރާ ވަސީލަތްތަކުން ވެސް ބޭނުން ވަނީ އެންމެ އަވަހަށް ހެޑްލައިން ހެދުމަށެވެ. އެ ޚަބަރެއް އެންމެ އަވަހަށް ބްރޭކްކުރުމަށެވެ. މި ރޭހުގައި މީޑިއާތައް ވަނީ ހައްދުފަހަނައަޅާ ގޮސްފައެވެ. ޚަބަރު ގެނެސްދިނުމުގައި ވާދަވެރިކަން އުފެދިފައިވާ މިންވަރު ތެދު ދޮގު ބެލުމެއް ނެތި ޚަބަރު ފެތުރުން ވެސް މި ވަނީ އާންމު ކަމަކަށް ވެފައެވެ.

މި ދައްކަނީ ސޯޝަލް މީޑިއާގައި މީހުން ފަތުރާ ޚަބަރުތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ތިމާ އަށް ފެންނަ ގޮތެއް ނުވަތަ އިވޭހާ އަޑެއް، ނުވަތަ ފުރަތަމަ ފެންނަ މަންޒަރެއް އޭގެ ހަގީގަތެއް ވެސް ބެލުމެއް ނެތި ސޯޝަލް މީޑިއާގައި ހާމަކުރުމަކީ މިއަދު އާންމު ކަމެކެވެ. ހަމަ އެގޮތަށް މި ސަގާފަތް މެއިންސްޓްރީމް މީޑިއާގެ ތެރެއަށް ވެސް މަޑުމަޑުން ނަމަވެސް ފެތުރެމުންދާކަން ހިތާމައާ އެކު ފާހަގަކުރަންޖެހެއެވެ. ހާއްސަކޮށް ހާދިސާއެއް ހިނގައިގެން އުޅޭ އިރު “ބްރޭކިންގ ނިއުސް” ގެނެސްދިނުމުގައި ޚަބަރު ފަތުރާ ވަސީލަތްތަކުން ބޮޑެތި ގޯސްތައް ހެދުން މިވަނީ އާންމު ކަމަކަށް ވެފައެވެ. އަހްލާގީ މިންގަނޑު ބޭރުވަނީ މަދުފަހަރަކު ނޫނެވެ.

މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ކަވަރު

މިދިޔަ ހަފުތާގެ ތެރޭގައި މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި މައުލޫމާތު ފޯރުކޮށްދިނުމުގައި މީޑިއާތަކުން މުހިންމު ދައުރެއް އަދާކުރިއެވެ. ދަންވަރުގެ އަވަގުތުގައި ވެސް ނޫސްވެރިން މަސައްކަތްކުރީ ރައްޔިތުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ. ނަމަވެސް ސުވާލަކީ އެ މަސައްކަތުގައި ފޯރުކޮށްދިން ހުރިހާ މައުލޫމާތަކީ ސައްހަ ތެދު ހެއްޔެވެ؟ ނުވަތަ އާންމުކުރެވުނު ބައެއް މަންޒަރުތަކަކީ އެ މަންޒަރުތަކުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ފަދަ މަންޒަރުތަކެއްތޯ ވިސްނާލީ ކިތައް މީޑިއާއިންތޯއެވެ؟ ނޫސްވެރިކަމުގައި ހިފަހައްޓަންޖެހޭ އަހްލާގީ މިންގަނޑު ހިފެހެއްޓީ ކިތައް މީޑިއާއިން ހެއްޔެވެ؟

އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައިވާ އިރު އަވަހަށް ޚަބަރު ގެނެސްދިނުމުގެ ރޭހުގައި އެ އަދަދާ މެދު ވެސް އާންމުންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދޭ މިންވަރަށް މެއިންސްޓްރީމް މީޑިއާގެ ތެރޭގައި ވެސް ސުވާލު އުފެދޭ ވަރަށް ކަންކަން ދިޔައެވެ. އެއްބަޔަކަށް ވުރެ އަނެއް ބަޔަކު ކުރި ހޯދުމުގެ ރޭހުގައި އިވުނު ނަންބަރުތަކެއް އެނގުނު ގޮތަކަށް އާންމުންނާ ހަމައަށް ފޯރުކޮށްދެމުން ދިޔައެވެ.

ހަގީގީ މައުލޫމާތުގެ ބަދަލުގައި ދޮގު މައުލޫމާތުތަކެއް ވެސް ދެވިގެން ދިޔައެވެ. މަރުވި މީހުންގެ އާއިލާތަކުގެ ހައްގަށް ނުވިސްނައި އެތައް މަންޒަރެއް، އެތައް މައުލޫމާތެއް އާންމުކުރެވިގެން ދިޔައެވެ. ރަސްމީ ފަރާތަކުން ހާމަ ނުކުރަނީސް މީހުންގެ ވަނަވަރާއި ފޮޓޯތައް އާންމުކުރުމާ މެދު ވިސްނާލަންޖެހޭ އެތައް ކަމެއް ފާހަގަކުރެވިގެން ދިޔައެވެ.

ބްރޭކިންގ ނިއުސް ފަހަތުން ދުވާއިރު އަސްލު މައްސަލަ ހަނދާންނެތިފާ

ހަމައެއާ އެކު ދައްކަންވީ އެތައް ވާހަކައެއް އެންމެ އެކަށީގެންވާ ގޮތުގައި މީޑިއާތަކަށް ދައްކަމުން ނުދާކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ. އެ ގޮތުން މިފަދަ ހާދިސާއަކާ ގުޅޭ ގޮތުން ސާފުވާންޖެހޭ އެތައް ކަމެއް އަދިވެސް ހުރީ ސާފުނުވެއެވެ. ނަމަވެސް މީޑިއާތަކުން އިސްކަންދިނީ އާންމު ރައްޔިތު މީހާގެ ހިތާކުޅެލެވޭނެ ގޮތަކަށް ވީއެންމެ އަވަހަކަށް ޚަބަރުތައް ގެނެސްދިނުމަށެވެ. އަސަރުގަދަ ގޮތްގޮތަށް ސުރުހީތައް ހެދުމަށެވެ. އަނިޔާ ލިބުނު މީހުންގެ ވާހަކަތައް ގެނެސްދިނުމަށެވެ. އަސްލު މައްސަލަ އޮތީ އަދި އޮތްތަނުގައެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންނަކީ އެ މީހުން އަމިއްލަ އަށް މި ގައުމަށް އައިސް އުޅޭ ބައެއް ނޫނެވެ. އެއީ ކޮންމެ ވެސް ބަޔަކު މި ތަނަށް ގެނައި ބައެކެވެ. އެ މީހުން ކޮބައި ހެއްޔެވެ؟ ރާއްޖެ އެތެރެވުމަށް ޑިޕޮސިޓް ބަހައްޓައި ކޮންޓްރެކްޓް ހެދި ދިވެހި މީހާ ކޮބައި ހެއްޔެވެ؟ މަރުވި މީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅުނީ ކިތައް މީހުން ހެއްޔެވެ؟ އެ މީހުން ގަވާއިދާ ހިލާފަށް އުޅޭ ނަމަ އެކަން ހައްލުކުރަން ކަމާ ބެހޭ ފަރާތްތަކުން ކުރީ ކޮން މަސައްކަތެއް ހެއްޔެވެ؟

އަސްލު މައްސަލަ ކަމަށްވާ ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ މައްސަލައާ މެދު ސަރުކާރުން ކަންކުރަނީ ކިހިނެއް ހެއްޔެވެ؟ އެ މީހުންގެ ހަށިގަނޑު ސަރުކާރުގެ ހަރަދުގައި ފޮނުވަންޖެހެނީ ކީއްވެ ހެއްޔެވެ؟ އެމީހުން ވަޒީފާގައި ގެންގުޅޭ މީހުންގެ ޒިންމާ ކޮބައި ހެއްޔެވެ؟

“ބްރޭކިންގ ނިއުސް” ނުވަތަ ސުރުހީ ހެދުމުގެ ރޭހުގައި އަސްލު މައްސަލަ މަތިން ހަނދާން ނައްދާނުލާށެވެ. އެންމެ އަވަހަށް މައުލޫމާތު ފޯރުކޮށްދިނުމަށް އިސްކަންދޭ ފަދައިން އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް އިސްކަންދޭށެވެ. ރޯބުހުތާނު ދޮގު ފަތުރައި މުޖުތަމައު ފިތުނަވެރިކުރުމުގެ ރޫހުގައި ތިޔަ ކުރެވެނީ ނޫސްވެރިކަމެއް ނޫނެވެ.

ގޯސް ހެދޭ ފަހަރުތަކުގައި އާންމުކޮށް މައާފަށް އެދުމާއި ކަނޑަ އެޅިގެން ދޮގު ހަބަރު ފަތުރާ މީޑިއާތަކާއި ނޫސްވެރިންނަށް ފިޔަވަޅު އެޅޭނެ އިންތިޒާމްތަކެއް ރޭވުން މުހިންމެވެ. ދޮގު ހަބަރު ފެތުރުމަކީ ނޫސްވެރިކަމުގެ މިނިވަަންކަމުގެ ތެރެއިން ހިމެނޭ ކަމެއް ނޫނެވެ. އަދި ކިއެއްތަ މިއީ ހިޔާލު ފާޅުކުރުމުގެ އިންސާނީ މިންގަނޑު ބޭރުވެ ނޫސްވެރިކަމަށް ކުރެވޭ ނާއިންސާފެކެވެ. ރާއްޖޭގައި. މިހާރު އޮތް ނޫސްވެރިކަމުގެ މިނިވަންކަން ޒިންމާދާރުގޮތެއްގައި ކުރުމަކީ ހުރިހާ ނޫސްވެރިންނާއި ނޫސް ހިންގާ ފަރާތްތަކުގެ ޒިންމާއެކެވެ.

ރިއެކްޝަންސް
0
1
2
2
0
0
0