ދިރާގާއި އެމް.އޭ.ޕީ.ޑީ ގުޅިގެން ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ހަރަކާތްތަކެއް ބާއްވައިފި

4 ޑިސެމްބަރ 2022 - 13:20

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމް.އޭ.ޕީ.ޑީ) ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ޚާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ހެލްތް އެންޑް ވެލްނެސް ކޭމްޕަކާއި ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ޕެރަލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ ހެލްތް އެންޑް ވެލްނެސް ކޭމްޕްގައި މެޑިކަލް ސްކްރީން ކުރުމާއި ތެރަޕީ އަދި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޮންސަލްޓޭޝަންތައް ފޯރުކޮށްދީފައިވަނީ ބައިނަލްއަޤްވާމީ އަދި ލޯކަލް ސްޕެޝަލިސްޓުންގެ ޓީމަކުންނެވެ. މީގެ ތެރޭގައި ސްޕީޗް އެންޑް ހިއަރިން ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް އެންޑް ބިހޭވިއަރ ތެރަޕިސްޓުންނާއި ޑެންޓިސްޓުންނާއި ޕީޑިއެޓްރިކް އޯތޮޕީޑިކް ތެރެޕިސްޓްސް އަދި ފިޒިއޮތެރަޕިސްޓުން ހިމެނެއެވެ. މި ކޭމްޕްގައި 200 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ފަރާތްތައް ވަނީ ބައިވެރިވެފައިވެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ޕެރަލިމްޕިކް ދުވަސް އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ހަފްލާއާއި އިންކްލޫސިވް ސްޕޯޓްސް ހަވީރު ފައްޓަވާ ދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. މި އިންކްލޫސިވް ފެސްޓިވަލްގައި ކުޅުދުއްފުށި ސިޓީގެ 90 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ. 

މި އިވެންޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ޕީ.ޑީގެ ޗެއަރޕާސަން އަހުމަދު މުޙައްމަދު ވަނީ ދިރާގަށް ޝުކުރު އަދާކުރައްވައި 2011 ވަނަ އަހަރުން ފެށިގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްތަކުން ނުކުޅެދިންކަން ހުންނަ ފަރާތްތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފެދުމާއެކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ގިނަ އަހަރުތަކެއް ވަންދެން ގަވައިދުން ބައިވެރިވި ބައެއް ކުދިންނަށް ބައިނަލްއަޤްވާމީ ޕެރަލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ޔަޤީންކަމާއި އިތުބާރު ލިބިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިގޮތުގައި ކުޅުދުއްފުށީ ސިޓީގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ހަރަކާތްތަކަށް ދިރާގުން ސަޕޯޓުކުރުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

މުޖުތަމަޢުތައް ބާރުވެރިކުރުވާ، މުޖުތަމަޢުގެ އެންމެން ޝާމިލުވާ ގޮތަށް މިފަދަ ސީ.އެސް.އާރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ބޭނުންވާކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ.    

ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯ ތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0