ރިޕޯޓް: ރާއްޖޭގެ ދީނީ އިލްމްވެރިން މުފްތީ މެންކް ނަމޫނާ އަކަށް ބަލަންޖެހޭ

16 ޖެނުއަރީ 2023 - 10:06

ދީނީ އިލްމުވެރިންގެ ތެރެއިން ދެކުނު އެފްރިކާގެ ޝެއިޚް އިސްމާއިލް އިބްނު މޫސާ މެންކް (މުފްތީ މެންކް) އަކީ ހުރިހާ އުމުރުފުރައެއްގެ މެދުގައި ވެސް ވަރަށް މަގުބޫލު ބޭފުޅެކެވެ. ރާއްޖޭގައި ވެސް ވަރަށް މަޝްހޫރެވެ. ދަތުރުކުރެއްވުމުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވާ މެސެޖްތަކަށް އެތައް މިލިއަން ބައެއްގެ ސަމާލުކަން ލިބެއެވެ.

ހާއްސަކޮށް ޒުވާނުންގެ މެދުގައި މަގުބޫލު ބޭފުޅަކަށް ވެފައި ވަނީ ޒަމާނާ ގުޅޭ ގޮތަށް އަދި ޒުވާނުންނާ ވެސް ގުޅޭ ގޮތަށް ދީނީ ކަންކަމުގައި މެސެޖްތައް ދެއްވާތީއެވެ. ވަރަށް ގިނަ ކަންކަމުގައި މިސާލު ދައްކަވާ ބޭފުޅެކެވެ. ދީނީ، އިޖުތިމާއީ އަދި ސިޔާސީ ބޮޑެތި މައްސަލަތަކުގައި ވެސް ކޮމެންޓް ކުރައްވައެވެ. އެހެން ނަމަވެސް ފާހަގަކުރެވޭ އެއްކަމަކީ އެފަދަ ކޮންމެ ކަމެއްގައި ވެސް މެދުމިނުގެ ރިވެތި މިސާލު ދައްކަވާތީއެވެ.

advertisement

ދިވެހި ދީނީ އިލްމުވެރިންނަށް މުޖުތަމައުގައި މަގުބޫލުކަން ނެތީ ކީއްވެ؟

ރާއްޖޭގައިވެސް ދިވެހިންގެ ތެރޭގައި މުފްތީ މެންކް ވަރަށް މަޤްބޫލެވެ. ޝެއިޚްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވަރަށް ގިނަ ދިވެހިން ވެސް ފޮލޯކުރެއެވެ. މިކަން އެނގިގެންދަނީ މެންކް ދެއްވާ ދަރުސްތަކަށް ދިވެހިންދޭ ތަރުހީބުންނެވެ. ރާއްޖޭގައިވެސް ދީނީ ތައުލީމީ ދާއިރާ އިން އެންމެ މަތީ ފާސްތައް ހޯއްދަވާފައިވާ ބޭފުޅުން އެބަ ތިއްބެވެ. ރާއްޖޭގެ ލެވެލްގައި ސޯޝަލް މީޑިއާގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯއްދަވާ އެފަދަ ބޭފުޅުން އެބަ އުޅުއްވައެވެ. އެހެން ނަމަވެސް ރާއްޖޭގައި ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން މަޝްހޫރުކަން ހޯއްދަވަނީ ދީނީ އިލްމު ފެތުރެއްވުމަށްވުރެ ސިޔާސީ ދާއިރާއިންނެވެ.

ރާއްޖޭގައި ނަގާކިޔާ ބައެއް ޝެއިޚުންނަކީ ސީދާ ސިޔާސީ ބޭފުޅުންނެވެ. އަދި ދީނީ އިލްމުވެރިންގެ ގިނަ ބަޔަކު ގުޅިވަޑައިގެން އުފައްދާފައިވާ އަދާލަތު ޕާޓީއަކީ ވެސް ސިޔާސީ މަސްރަހުގައި މުހިންމު ޕާޓީއެކެވެ. ދީނީ އިލްމުވެރިން މަޝްހޫރުވެފައި ވަނީ ވެސް ދީނީ މައުލޫމާތު ފެތުރުއްވުމަށް ވުރެ ސިޔާސީ ގޮތުން އެ ބޭފުޅުން އަދާކުރައްވާ ދައުރުގެ ސަބަބުންނެވެ.

މިގޮތުން ޝޯޝަލް މީޑިއާގައި އެކި ފަރާތްތަކަށް މަލާމަތްކުރުމާއި، ފުރައްސާރަކޮށް ބަދުބަސް ބުނުމަކީ ދިވެހި ދީނީ އިލްމްވެރިންގެ މަޤްބޫލުކަަން ރާއްޖޭގައި ކުޑަވެފައިވާ މައިގަނޑު އެއްސަބަބު ކަމަށް ބުނެވިދާނެއެވެ. މިގޮތުން މިފަދަ ގިނަ ޝެއިހުން ސުރުހީތަކަށް ގިނަފަހަރު އަރަނީ ސޯޝަލް މީޑިއާގައި ސިޔާސީ ގޮތުން އަދި ޒާތީގޮތުން ކުރައްވާ ކޮމެންޓްތަކުގެ ސަބަބުންނެވެ. ޒާތީ ގޮތުން ސިޔާސީ ފަރާތްތަކާ ގުޅިގެން ކޮމެންޓްކުރުމާއި ސިޔާސީ ކަންކަމަށް ފާޑުކިޔުމަކީ ބައެއް އިލްމުވެރިންގެ އާންމު މަސައްކަތޭ ހީވެއެވެ.

ދީނީ އިލްމުވެރިންގެ ހަގީގީ ދައުރު އަދާކުރާތަން ފެންނަނީ މަދު ޝެއިހުންގެ ފަރާތުންނެވެ. ގިނަ ބޭފުޅުން ގެންގުޅުއްވަނީ ޒާތީ ގޮތްތަކެކެވެ. އާންމު މުޖުތަމައު ހޭލުންތެރިކުރުމާއި ދީނީ ގޮތުން ކަންކަން އޮޅުން ފިލުވައިދިނުމުގައި އެންމެ ހަރުކަށި ޒާތީ ފިތުނަވެރި އުސޫލްތައް ކުރިއަށް ނެރެގެން ވާނެ ފައިދާއެއް އޮތް ކަމަކަށް ނުފެނެއެވެ.

އޭގެ ބަދަލުގައި އާންމުންގެ ހަމަ ބުއްދިއަށް ވިސްނޭ ގޮތަށް، ޒަމާނާ ގުޅޭ ގޮތަށް ދީނީ ކަންކަމުގައި ބަސް ވިދާޅުވެ ދީން އުގަންނައިދިނުމުގެ އުސޫލުތަށް ބެހެއްޓެވުން މުހިންމެވެ. މުފްތީ މެންކް އެ ދައްކަވަނީ އެ މިސާލެވެ. ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން އަބަދު ވެސް ފެންނަނީ ކޮންމެ ވެސް މީހަކާ ޖައްސާލައިގެން އުޅޭ ތަނެވެ. ނުވަތަ ކޮންމެ ވެސް ޒާތީ ހާސަރު ގަނޑެއްގައި ޤަރަޤުވެފައިވާތަނެވެ. އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ދީން އުނގަނައިދީގެން އާންމުންގެ މަގުބޫލުކަން ހޯދޭނެކަން މުފްތީ މެންކް ފަދަ ބޭބޭފުޅުން އެ ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. ދިވެހި އިލްމެވެރިންވެސް މުފްތީ މެންކް ނަމޫނާއަކަށް ބަލަންޖެހެއެވެ.

ރިއެކްޝަންސް
0
2
0
0
0
0
2