ރިޕޯޓް: ރައްޔިތުން އާދޭސް ދެންނެވުމާއި ވެރިންގެ ހެޔޮފުޅުކަން!

25 ޖެނުއަރީ 2023 - 11:46

ރާއްޖެ އަށް އައިސްފައިވާ ތަރައްގީ އަބަދުވެސް ނިސްބަތް ވަނީ ކޮންމެވެސް ވެރިއަކަށެވެ. އެކި ދައުރުތަކުގައި ކޮށްފައިވާ މަސައްކަތްތަކަކީ އެއިރެއްގައި ހުރި ވެރިއަކު ހެޔޮފުޅު ކަމެއް ކޮށްދެއްވި ކަންކަން ކަމަށް ކިޔައި އުޅެއެވެ. ކެމްޕެއިންތަކުގައި އެކަންކަން ޕްރޮމޯޓްކުރުމުގައި ވެސް ގެންގުޅެނީ އެ ސިޔާސަތެވެ.

މިވެނި އެވެނި ކަމެއް ކޮށްދެއްވީ މިވެނި އެވެނި ރައީސެކެވެ. ބައެއް މީހުން އެ ވާހަކަ ދައްކާ އިރު އެއީ އެ ވެރިއަކު އަމިއްލަފުޅު ޖީބުން، ތަރިކަ މުދަލުން ހަރަދުކޮށްގެން ކޮށްދެއްވާފައިވާ ކަންތައްތައްހެން ހީވާފަހަރު ވެސް އާދެއެވެ.

advertisement

ކުރީގެ ރައީސުން “ކޮށްދެއްވި” ކަންކަން

ހުޅުލޭ އެއާޕޯޓަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރު ކޮށްދެއްވި ކަމެކެވެ. އިސްލާމީ މަރުކަޒު އަޅުއްވައިދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ރަށްރަށުގެ ބައެއް ބިން ހިއްކުމާއި މިހެން ގޮސް ވަރަށް ގިނަ ކަންތައްތައް އެމަނިކުފާނު ކޮށްދެއްވި ކަންކަމުގެ ތެރޭގައި ކިޔައެވެ. އެންމެ ދުވަސް ވަންދެން ރައީސްކަން ކުރެއްވީ އެމަނިކުފާނު ކަމަށް ވީމައި ކޮށްދެއްވި ކަންކަމާއި ޖެއްސެވި ކަޑަތައް ވެސް ވަރަށް ގިނައެވެ.
އައްޑޫ ކޮންވެންޝަން ސެންޓަރު ނުވަތަ މިހާރު ނަމަ ޓާޝިއަރީ ހޮސްޕިޓަލް ނިސްބަތްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. މާލޭގައި މާ ބޮޑު އިމާރާތްތަކެއް ފެންނަން ނެތް ނަމަވެސް އެމަނިކުފާނު ދައުރުގައި ވެސް ފްލެޓްތަކުގެ ބިންގާ އެޅުނެވެ. ރައްޔިތުންގެ ލާބަޔަށް ކުރައްވާފައިވާ ކަންކަން އެއީ އެމަނިކުފާނު ކޮށްދެއްވި ކަންކަމޭ ބުނެވެއެވެ.

ވަގުތީ ކުރު މުއްދަތަކަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ނިސްބަތްކޮށް އެފަދަ ވާހަކައެއް ބަޔަކު ނުދައްކަނީ އެކަމުގައި ސިޔާސީ ބުރަދަނެއް ނެތީމައެވެ. އަދި އެމަނިކުފާނުގެ ދައުރުގައި ބިންގާ އެޅި ބައެއް ތަންތަން ދިހަވަރަކަށް އަހަރު ވެގެން ދިޔައިރު ވެސް ނުނިމި ދިގުލައިގެން ގޮސްފައި ހުރީމައެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކަކީ އޭގެ އެއް މިސާލެވެ. ކޮށްދެއްވި ކަންކަމަށް ވުރެ އެމަނިކުފާނަށް ނިސްބަތްކޮށް މީހުން ކިޔާ އެއްޗެހި ތަންކޮޅެއް ގޯހެވެ. ހާއްސަކޮށް ރައީސް ނަޝީދުގެ ވެރިކަމުގައި ވެފައިވާ އެއްބަސްވުންތައް އުވާލުމުން ޑރ. ވަހީދުގެ ވެރިކަމުގައި ކުރަންޖެހުނުހާ ވެސް ކަމަކީ ބަދަލު ދިނުމެވެ. އަދިވެސް އެ ބަދަލު ދިނުންތައް މި ސަރުކާރުން ވެސް އަންނަނީ ކުރަމުންނެވެ.

ބްރިޖާއި 25 ބުރީގެ އިމާރާތާއި ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ހިޔާ ޓަވަރުތަކާއި ސަލްމާން މިސްކިތާއި ތާރު އެޅި މަގާއި މިހެން ގޮސް ރައީސް ޔާމީނު ކޮށްދެއްވި ކަމަށް ބުނާ ކަންކަން މާލެ ސަރަހައްދުގައި އެހުރީ ފެންނަންށެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތައް ވެރިކަމުގައި ނުނިމުނަސް ފެއްޓެވީ އެމަނިކުފާނު ކަމަށް ވުމުން އެކަން ނިސްބަތްކުރަނީ ރައީސް ޔާމީނަށެވެ.

އެގޮތުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް މުޅިން ނިމުނީ މި ވެރިކަމުގައެވެ. ހިޔާގެ 16 ޓަވަރުގެ ހަތަރު ފާރު އެވެރިކަމުގައި ރޭނިޔަސް މަޝްރޫއުގެ ބޮޑު ބައި ނިންމައި ހައްގުވެރިންނަށް ހަވާލުކުރީ މި ސަރުކާރުންނެވެ. ޗާލު ސީޕްލޭން ޓާމިނަލްގެ އެއްކޮށް ކަހަލަ ގޮތަކަށް ނިމުނު ނަމަވެސް މުޅިން ނިންމައި އޮޕަރޭޝަނަށް ގެނައީ މި ސަރުކާރުންނެވެ.

ސަލްމާން މިސްކިތް ވެސް ހަމަ އެފަދައެވެ. އެއާޕޯޓްގެ އާ ރަންވޭ ނަމަކަށް ހުޅުވިޔަސް ބޭނުންކުރެވޭ ގޮތަށް ކަންކަން ހަމަޖައްސައި ރަންވޭއާ އެކު ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސައި ބޭނުންކުރަން ފެށީ އަދިކިރިޔާ މިދިޔަ އަހަރުއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމެނިކޮށް ކިރިޔާ މަސައްކަތް ފެށުނު އާ ޓާމިނަލްގެ މަސައްކަތުގެ ބޮޑު ބައި އަދިވެސް ނުނިމި ހުއްޓަސް އެއީ ވެސް އެމަނިކުފާނު ކޮށްދެއްވި ކަންތަތަކުގެ ގޮތުގައި އެމަނިކުފާނުގެ ސަޕޯޓަރުން ކިޔައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސިޔާސަތުތަކުގެ ތެރެއިން ފެއްޓެވި ގިނަ ކަންކަން ނިމޭނެ ގޮތަށް ކަންކަން ހަމަޖައްސައި ރިބަން ކަނޑަންޖެހުނީ މި ސަރުކާރަށެވެ.

މިހާރު މި ހިނގާ ވެރިކަމުގައި ކޮށްދޭ ކަންކަމުގެ ވާހަކަ

މިވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮށްދެއްވި އަދި ކޮށްދެއްވަމުން ގެންދަވާ ކަމަށް ބުނާ ލިސްޓް ވެސް ވަރަށް ދިގެވެ. މާލެ ސަރަހައްދުގައި މާ ގިނަ ކަންކަން ނިމިފައި ނެތް ނަމަވެސް ވަރަށް ގިނަ ކަންކަން ކުރިއަށް އެބަދެއެވެ. މާލެއިން ފެށިގެން ވިލިމާލެ ހުރަސްކޮށް ގުޅީފަޅަށް ދިއުމަށް ހަދަމުންދާ ބްރިޖާއި ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލާނެ ބަނދަރާއި، މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެތައް ހާސް ފްލެޓެއްގެ އަމަލީ މަސައްކަތާއި މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ހުޅުމާލޭގައި ރީތި އޮފީސް އިމާރާތެއް އަޅައި ނިންމައި މިހާރު ހުރީ ބޭނުންކުރުމުގެ މަގުމަތީގައެވެ. ބައެއް ރަށްރަށުގައި ވެސް ހައުސިން ޔުނިޓްތައް އަޅައި މީހުން ދިރިއުޅެން ފަށާފައިވާ އިރު އަނެއް ބައި ރަށްރަށުގައި އަމަލީ މަސައްކަތްތައް ކުރިއަށް އެބަދެއެވެ. ދައުރު ނިމޭ އިރު ނަރުދަމާ އާއި ސާފު ބޯފެން ލިބޭނެ މަގު ނެތް ހަމަ އެއްވެސް ރަށެއް ނޯންނާނެހާ ވަރަށް މަސައްކަތްތައް އެބަ ކުރިއަށް ދެއެވެ. އެތައް ރަށެއްގެ ބަނދަރު ހަދައި އާ އިންޖީނުގެތައް ހަދައި ބިން ހިއްކައިފިއެވެ. އެތައް މަގެއްގައި ތާރު އަޅައިފިއެވެ. އެތައް ގޮނޑުދޮށެއް ހިމާޔަތްކޮށްފިއެވެ. އެތައް އެއާޕޯޓެއްގެ ހަދައި ހުޅުވައި އަދި ހުޅުވަން ތައްޔާރުވަމުން އެބަދެއެވެ. މިހެން ގޮސް މި ވެރިކަމުގައި ހިންގައި ނިމި އަދި ހިންގަމުންދާ މަޝްރޫއުތައް ހާހުން ގުނެއެވެ. އެހެންކަމުން ރައީސް ސޯލިހް ކޮށްދެއްވި ކަންކަމަށް ބުނަން އޮތް ލިސްޓް ވަރަށް ދިގެވެ.

ނަންވާނީ ވެރިން، އެކަމަކު ރައްޔިތުންގެ ފައިސާ

މި ހުރިހާ ތަރައްގީގެ ވެސް “ކްރެޑިޓް” ނަންގަވަނީ ނުވަތަ ރައްދުވަނީ އެ އިރެއްގައި ހުންނަ ވެރިއަކަށެވެ. ނަމަވެސް ހަގީގަތަކީ އެއިން އެއްވެސް ވެރިއެއްގެ އަމިއްލަ މިލްކިއްޔާތުން އެއިން ކަމަކަށް ލޯލާރިއެއް ވެސް ހަރަދުނުވާ ކަމެވެ. ވިއްޔާ ވެފައި އޮންނާނި ފައިދާއެކެވެ. މަޝްރޫއުތަކުން ބައި އެޅިފައި ހުރީ ބައެއް ވެރިންގެ އެކައުންޓްތަކަށެވެ. ވެރިންގެ އެކައުންޓްތަކުގެ ތަފްސީލަށް ބަލާލުމުން އެކަން ސާބިތުވާނެއެވެ. ފައިދާވެ މަހުޖަނުންނަށް ވެފައި ވަނީ އެކުވެރިންނާއި ގާތް މީހުންނެވެ. ރާއްޖޭގެ ގިނަ މަހުޖަނުގެ ފަތްފުށް ހާވާލުމުން އެކަން ފެންނާނެއެވެ.

ނަމަވެސް މިހުރިހާ މަޝްރޫއުތަކެއް ވެސް ހިންގީ އަދި ހިންގަމުންދަނީ ރައްޔިތުންގެ ފައިސާއިންނެވެ. ރައްޔިތުން އޮށްދާ އޮހޮރައިގެން ކުރާ މަސައްކަތުން ދައްކަމުންދާ ތަފާތު ނަންނަމުގެ ޓެކްސް ފައިސާއިންނެވެ. ރައްޔިތުންގެ ޖީބުން ޓެކްސް ނުނަގާ ޒަމާނުގައި ރައްޔިތުންގެ މުދަލާއި ފަޅު ރަށްތައް ވިއްކައި ނުވަތަ ރައްޔިތުންގެ ނަމުގައި ގައުމުތަކުން ހޯދާ ފައިސާއިންނެވެ.

އެހެންކަމުން ހަގީގަތުގައި މިހުރިހާ ކަމެއްގައި ހުރިހާ ވެސް “ކްރެޑިޓް”އެއް ހައްގުވާ ފަރާތަކީ ރައްޔިތުންނެވެ. ވެރިންނަކީ ރައްޔިތުންގެ މުހުތާދުތައް ފިލުވައިދިނުމަށްޓަކައި ސިޔާސަތުތައް ކަނޑައަޅައި ޕްލޭންތައް ކުރަހަން ތިބޭ ފަރާތްތަކެވެ. ރައްޔިތުންގެ ތަރައްގީ އަށް ކޮށްފައި އަދި ކުރަމުންދާ ކަންކަމުގައި ވެރިއަކު ހެޔޮފުޅުވެގެން ކޮށްދެއްވި ކަމެއް ނެތެވެ. ކޮށްދެއްވި ކޮންމެ ކަމަކުން ކޮންމެވެސް ސިފައެއްގައި ވެރިމީހާ އަށް ވަނީ މަންފާކޮށްފައެވެ. ބައެއް ފަހަރު މާލީ ގޮތުންނެވެ. އަނެއް ބައިފަހަރު ސިޔާސީ ގޮތުންނެވެ.

އިސް އުފުލާލުމުން ނުފެންނަހާ އުސް އިމާރާތްތަކާއި ބްރިޖްތަކާއި ތާރު އެޅި މަގުތަކާއި ބަނދަރުތަކަކީ ދައުލަތުގެ ބަޖެޓުގައި ފައިސާ ހުރި ނަމަ ކުރެވޭނެ ކަންކަމެވެ. ނުވަތަ ކޮންމެ ވެރިއަކު ހުއްޓަސް ހިނގާނެ ކަންކަމެވެ.

އެހެނެއް ނޫނެވެ. ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ވެރިން ކޮށްދެއްވާ ކަންކަން އެބަހުއްޓެވެ. ރައްޔިތުންނަށް އަނިޔާވެރިނުވެ، އިންސާފުވެރިކަމާ އެކު އަމާން އޮމާން ގޮތެއްގައި ވެރިކަން ކުރުމެވެ. ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމްކޮށް ރައްޔިތުންގެ ލާބަޔާއި މަންފާ އަށްޓަކައި ސިޔާސަތުތައް ކަނޑައެޅުއްވުމެވެ. ފުއްދުންތެރިކަން އިތުރުވާނެ ގޮތްތަކަށް އިގްތިސާދު ބައްޓަންކޮށްދެއްވުމެވެ.

ކާރިސާތަކާއި ބަލިމަޑުކަމުގައި ރައްޔިތުން ހާލުގައި ނުޖެހި ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެއްވުމެވެ. މުސްކުޅިވެ ގައިބާރުދެރަވާ ހިނދު އެހީތެރިކަން ލިބޭނެ މަގުތައް ތަނަވަސްކޮށްދެއްވުމެވެ. ބަނޑުހައިހޫނުކަމުގައި އެއްވެސް މީހަކު ހުންނަން ނުޖެހޭނެ ފަދަ ސިޔާސަތުތައް އެކުލަވައިލެއްވުމެވެ. ބޭސްފަރުވާ ކުރެވި ތައުލީމު އުނގެނެން ބޭނުން ފަރާތްތަކަށް އެ މަގު ފަހިކޮށްދެއްވުމެވެ. ވަޒީފާތައް އުފެއްދުވުމެވެ. ރައްޔިތުންގެ ތަރައްގީއަށް ކުރާ ކަންކަމަކީ ވެރިންގެ ހެޔޮފުޅުކަމުން ކުރާ ކަންކަމެއް ނޫނެވެ. އަދި އެއީ ވަކި ވެރިއަކަށް ނިސްބަތްވާ ކަންކަމެއް ވެސް ނޫނެވެ.

ރިއެކްޝަންސް
0
2
0
0
0
0
0