ހިޔާ ޓަވަރު ސޯޅާގައި ގެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވައި ހުރިހާ ޙިދުމަތެއް ދޭން ފަށައިފި

28 ޖެނުއަރީ 2023 - 10:59

ހުޅުމާލެ ހޮސްޕިޓަލާއި އެޗް.ޑީ.ސީން ގުޅިގެން ހިޔާގެ 16ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިސް ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ހިޔާ ސަރަހައްދުގައި މީހުން އާބާދުވުމާއިއެކު މި ސަރަހައްދުގައި އާންމުން ބޭނުންވާނެ ޒަރޫރީ ހިދުމަތްތަކާއި އަދި އެހެނިހެން ހިދުމަތްތައްވެސް ފޯރުކޮށްދިނުމަށް ސަރުކާރާއި އެޗްޑީސީ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

advertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވަނީ ސިއްޙީ ޙިދުމަތްތައް ވީހާވެސް ރައްޔިތުންނާއި ގާތުން ދިނުމަކީ ސަރުކާރުގެ އެއްމެ ބޮޑު އެއް އަމާޒުކަމުގައި ފާހަގަކުރައްވާފައެވެ.

އަދި އެޗް.ޑީ.ސީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ އެޗް.ޑީ.ސީން ސަރުކާރާއި ގުޅިގެން ހުޅުމާލޭގެ ރައްޔިތުންނަށް ވަކިން ޙާއްސަކޮށް ހިޔާ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް ބޭނުންވާނެ ޙިދުމަތްތައް ޤާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާފައިވާ މި ކްލިނިކުން އާންމު ބަލިތަކަށް ފަރުވާދެވިގެންދާނެއެވެ. މި ކްލިނިކުން ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމާއި، ޕަބްލިކް ހެލްތު ޔުނިޓަކާއި، އެސްޓީއޯގެ ފާމަސީއެއްގެ އިތުރުން އެހެނިހެން ބައެއް ޚިދުމަތްތައްވެސް ލިބިގެންދާނެއެވެ.

މި ކްލިނިކުން ހުކުރު ދުވަހާއި ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ހަވީރު 5:00 އަށް ހިދުމަތް ލިބިގެންދާނެއެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަކީ ވަރަށް ބޮޑު އާބާދީއެއް އޮންނަ ސަރަހައްދެއްކަމުން މި ހުޅުވިގެންދާ ކްލިނިކްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0