ސަލްމާން މިސްކިތުގެ އޭސީތައް މައްސަލަ ޖެހެނީ ލޮނުގެ އަސަރު ކުރާތީ: މިނިސްޓަރު

13 ފެބުރުއަރީ 2023 - 10:02

ސަލްމާން މިސްކިތުގެ އޭސީތައް މައްސަލަ ޖެހެނީ ލޮނުގެ އަސަރު ކުރާތީ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މިއަދު މަޖިލީހުގައި ހާމަކުރި އެވެ.

މިނިސްޓަރު މިހިން ހާމަކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. މުއިއްޒު ވަނީ މާލޭގައި އެންމެ ފަހުން ބޭނުންކުރެވެން ފެށި އެއް މިސްކިތް، ކިންގް ސަލްމާން މިސްކިތުގައި ބޭނުންކުރެވޭ އެއާކޯން ސިސްޓަމްގައި އަވަސް އަވަހަށް މައްސަލަޖެހި، މިސްކިތުގެ އެތެރެ ހޫނުގަދަވެ ނަމާދުކުރާ ފަރާތްތަކަށް ދަތިވާކަން ފާހަގަ ކޮށްފައި އެވެ.

advertisement

މުއިއްޒު ސުވާލުކޮށްފައިވަނީ މި މައްސަލަ ހައްލުކުރުމަށް މިހާ ގިނަ ދުވަސްވަނީ ކޮން ސަބަބަކާ ހުރެތޯ އާއި އަދި ދާއިމީ ހައްލެއް ލިބެން ކިހާ ދުވަހެއް ވާނެ ތޯ އެވެ.

“ކިންގް ސަލްމާން މިސްކިތުގައި އޭސީ މައްސަލަ އަޅުގަނޑުމެންނަށް ފުރަތަމަ ފާހަގަވީ އޮގަސްޓު މަހު ތެރޭގައި،” މިނިސްޓަރު ޖަވާބު ދިނެވެ.

އޮގަސްޓު މަހު ކޮންޓްރެކްޓަރެއް މާލެ ގެނެސް އެކަން ހައްލުކުރި ނަމަވެސް ދެވަނަ ފަހަރަށް އޮކްޓޫބަރު މަހުގައި އޭސީ ވަނީ އަނެއްކާ ހަލާކުވެފައި ކަމަށް މިނިސްޓަރ ބުންޏެވެ. އެހެން ކަމުން ނޮވެމްބަރު މަހު ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމެއް ހަދައި، ޖަނަވަރީގައި އެ މައްސަލަ ހައްލުކުރަން ފެށި ކަމަށްވެސް މިނިސްޓަރު ހާމަކުރި އެވެ.

އަދި ފެބްރުއަރީގައި އޭސީ މައްސަލަ ހައްލުކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު މައުލޫމާތު ދިނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0