ރިޕޯޓް: ވެރިކަން ހޯދަން އެންމެން ޤާސިމް ފައިބުޑަށް

20 ފެބުރުއަރީ 2023 - 15:13

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަކީ ފެށުނީއްސުރެ ސިޔާސީ ދާއިރާގައި ނުފޫޒު ގަދަ ބޭފުޅެކެވެ. ޑިމޮކްރެޓިކް ހަރަކާތެއްގެ ގޮތުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރަކާތްތައް ފެށުނު އިރު ވެސް ގާސިމްއަކީ މުހިންމު ބައިވެރިއެކެވެ. އޭގެ ފަހުން އުފެދުނު ކޮންމެ ސަރުކާރެއްގައި ވެސް ގާސިމްގެ ނުފޫޒު ގަދައެވެ. ބައެއް ފަހަރު ވަޒީރެއްގެ ގޮތުގައެވެ. އަނެއް ބައި ފަހަރު ކޯލީޝަން ޕާޓްނަރެއްގެ ގޮތުގައެވެ.

މަޖިލީހުގައި ގާސިމްގެ މެންބަރުންގެ އަދަދު މަދު ނަމަވެސް ނިންމުންތަކުގައި ގާސިމްގެ ނުފޫޒު ގަދައެވެ. އެހެން ކަމުން ސިޔާސީ ކޮންމެ ބަދަލެއްގައި ގާސިމްގެ ހިއްސާ ބޮޑެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބުތަކުގައި ގާސިމް ފާހަގަކުރެއްވިފައި ވަނީ “ކިންގް މޭކާ”ގެ ގޮތުގައެވެ.

advertisement

ފާއިތުވެ ދިޔަ އިންތިހާބުތައް ކާމިޔާބުކުރުމުގައި ގާސިމްގެ ރޯލު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުންދާ އިރު އިންތިހާބުގައި ވާދަކުރުމަށް ނިޔަތް ގަނެގެން ތިއްބެވި ބޭފުޅުންނަށް އެންމެ މުހިންމު ފަރާތަކީ ގާސިމް އާއި އޭނާގެ ޕާޓީ ޖޭޕީއެވެ. ސަބަބަކީ ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް އާޚިރުގައި “ކުރި” ލިބިފައި ވަނީ ގާސިމްގެ ރުހުން ލިބުނު ފަރާތަށް ކަމަށް ވުމެވެ.

އެގޮތުން އާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ފުރަތަމަ ބުރުން ކެޓި ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ރައީސް މުހައްމަދު ނަޝީދަށް ކުރި ހޯއްދެވުނީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގާސިމްގެ އެހީތެރިކަން ލިބިވަޑައިގަތުމުންނެވެ.

އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ގާސިމް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީނަށް ވެރިކަން ލިބުމުގައި ގާސިމްގެ ހިއްސާ ބޮޑެވެ. އެ ފަހަރު އިދިކޮޅުގައި އޮތް އެމްޑީޕީން ގާސިމާ މެދު ވަރަށް ބޮޑު އުންމީދެއްކޮށް ކޯލީޝަންގެ ޔަގީންކަން ބޮޑުކޮށްފައި ވަނިކޮށް، ދެ ވަނަ ބުރުގެ އެންމެ ފަހު ވަގުތު ގާސިމްގެ އަރިއަހަށް ރައީސް މައުމޫން ކުރެއްވި ޒިޔާރަތަކާ އެކު މުޅި ގޭމް ބަދަލުވެގެން ދިޔައެވެ. ފަހު ވަގުތު ގާސިމް އިހްތިޔާރުކުރެއްވީ ޔާމީނެވެ.

އޭގެ ފަސް އަހަރު ފަހުން 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެއްބުރުން އިންތިހާބު ކާމިޔާބުކުރެއްވުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ގާސިމެވެ. އެ ފަހަރުގެ އިންތިހާބުގެ މާކުރިން ރައީސް ސޯލިހާއި ގާސިމް ވަނީ ބައިއަތު ހިއްޕަވައި ކޯލީޝަން ހައްދަވާފައެވެ.

ހަމައެކަނި ރިޔާސީ އިންތިހާބެއް ނޫނެވެ. އާންމު އިންތިހާބުތަކުގައި ވެސް ގާސިމްގެ ނުފޫޒު ގަދައެވެ. އެތައް މެންބަރުންނެއް މަޖިލީހަށް ވަޑައިގެން ތިއްބެވީ ގާސިމްގެ ފައިސާގެ އެހީތެރިކަމާ އެކުގައެވެ. ޖޭޕީ އަށް ނިސްބަތްވާ ބޭފުޅުންގެ އިތުރުން އެހެން ބައެއް ޕާޓީތަކުގެ މެންބަރުން އަދި އަމިއްލަ ބައެއް މެންބަރުންނަށް ވެސް ގާސިމް ވަނީ ރައްޔިތުންގެ ވޯޓު ގަތުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

ގާސިމް ވާދަކޮށްފި ނަމަ ރައީސް ސޯލިހަށް ދެ ވަނަ ބުރުން ފުރުސަތު ލިބޭނެތަ؟

އަނެއްކާ ވެސް އަނެއް އިންތިހާބު ބޯމަތިވަމުން އަންނަ އިރު ރައީސް ސޯލިހް ވެސް އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ބޮޑު ބައްޔެއް ކުރިމަތިވި ނަމަވެސް އަދިވެސް ވެރިކަން ކުރުމުގެ އުންމީދުގައި ހުންނެވި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދަށް ވެސް އެންމެ މުހިންމު ބޭފުޅެއްގެ ގޮތުގައި ފެންނަނީ ގާސިމެވެ. ކޯލީޝަން ހެދުމާއި އަދި ރިޔާސީ ނިޒާމާ ދެކޮޅަށް އަބަދު ވެސް ވަކާލާތުކުރެއްވި ނަމަވެސް ރައީސް ނަޝީދަށް ވެސް ގަބޫލުކުރެއްވޭ ހަގީގަތަކީ ގާސިމްގެ އެއްބާރުލެއްވުން ނެތި އެ ދެ ކަންތައް ވެސް ކާމިޔާބުވާން ނެތް ކަމެވެ.

ރައީސް ނަޝީދުގެ ސީދާ ވިސްނުންފުޅަކީ ކޮބައިކަން ހާމަކޮށްދެއްވާފައި ނުވި ނަމަވެސް ސަޕޯޓަރުންނާއި ސޯޝަލް މީޑިއާގައި ގެންގުޅުއްވާ ނުރަސްމީ އެކައުންޓްތަކުން ފެންނަ ސްޓެޓަސްތަކަށް ބަލާއިރު ރައީސް ނަޝީދު ބޭނުންފުޅުވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ވެސް ވަކިން ވާދަކުރެއްވުމެވެ.

އެއީ ކޮންމެހެން ރައީސް ނަޝީދަށް ފައިދާއެއް ވާނެތީ ނުވަތަ އެޑްވާންޓޭޖްތަކެއް ހުރީތީއެއް ނޫނެވެ. ނަމަވެސް ޒަމާންވީ އެކުވެރިޔާ އަދި މިހާރު އެންމެ ވާދަވެރި އެއް ބޭފުޅާ ކަމަށްވާ ރައީސް ސޯލިހަށް ވެރިކަން ނުލިބޭނެ މަގަކީ އެއީ ކަމަށް ހީފުޅުވާތީ ކަމަށް ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. ސަބަބަކީ ފުރަތަމަ ބުރުގައި ޖޭޕީ އާއި އެމްޑީޕީގެ ކޯލީޝަނެއް ނުކުމެއްޖެ ނަމަ ފަސޭހަކަމާ އެކު މި އިންތިހާބު ކާމިޔާބުވާނެ ކަމުގެ އުންމީދު އޮތުމެވެ. އަދި ގާސިމް ވާދަކުރައްވައިފި ނަމަ ރައީސް ސޯލިހަށް ދެ ވަނަ ބުރުން ފުރުސަތު ނުލިބިދާނެ ކަމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރައްވާ ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.

ކޯލިޝަނަށްފަހު ޖޭޕީއަށް ކުރަންޖެހޭ ތަޖުރިބާގެ ވާހަކަ

ގާސިމަކީ “ކިންގް މޭކާ”އެއް ނަމަވެސް މި ދައުރު ފިޔަވައި މީގެ ދެ ދައުރުގައި ވެސް ކޯލީޝަނާ އެކު ޖޭޕީ އަށް ކުރަންޖެހުނީ ހިތި ތަޖުރިބާތަކެކެވެ. ވެރިކަމަށް ވަޑައިގަތުމަށް އޮތް ރޫޓަކީ ގާސިމާއި ޖޭޕީ ކަން އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓުން ގަބޫކުރި ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ކޮންމެ ބޭފުޅަކު ވެސް ގާސިމް އެކަހެރި ކުރެއްވިއެވެ.

އެގޮތުން 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ތިން ހަތަރު މަހެއް ނުވަނީސް ގާސިމް އާއި ޖޭޕީ ވަނީ ކޯލީޝަނުން ބޭރުވެފައެވެ. އަދި 2013 ވަނަ އަހަރު ވެސް ކަންވީ އެހެންނެވެ. މާ ގިނަ ދުވަހަކު ކޯލީޝަން ދެމިއެއް ނޯތެވެ. ނުވިތާކަށް އެ ފަސް އަހަރު ގާސިމަށް އެތައް ދުއްތުރާއެއް ކުރިމަތިވިއެވެ. ވިޔަފާރި އަށް ހުރަސްތައް ކުރިމަތިވިއެވެ.

ރިސޯޓްތަކުގެ ހިންގުން ހުއްޓޭ ފަދަ ނިންމުންތައް ސަރުކާރުން ނިންމިއެވެ. ނުވިތާކަށް އެތައް ދުވަހަކު ޖަލުގައި ހޭދަކުރައްވަންޖެހިވަޑައިގަތެވެ. ދެން އަލުން ރިޔާސީ އިންތިހާބެއްގައި ގާސިމަށް ވާދަނުކުރެއްވޭނެހެން ގާނޫނު އަސާސީ އަށް ބަދަލު ގެނެސް އުމުރު ލިމިޓެއް ކަނޑައެޅިއެވެ. އެކަން ބަދަލުކުރީ މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހުއެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދަނީ ގާސިމް އާއި ޖޭޕީގެ ބައިވެރިވުމާ އެކުގައެވެ. ބައި ބެހުމުގައި ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި ދެ ބޭފުޅުންގެ ގުޅުން ރަނގަޅެވެ. ސަރުކާރަށް ޖޭޕީގެ ސަޕޯޓް ފުރިހަމައަށް އަންނަނީ ލިބެމުންނެވެ. އެހެންކަމުން ގިނަ ބަޔަކު ދެކޭ ގޮތުގައި އަދި ރައީސް ސޯލިހް ވެސް އުންމީދުކުރައްވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މިހާރު އޮތް ކޯލީޝަނާ އެކު އަދި ގާސިމްގެ އެހީތެރިކަމާ އެކު ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރެއްވުމަށެވެ. އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށް އެބަދެއެވެ.

ކޯލީޝަނެއް ހެދުމާ މެދު ޤާސިމް އަދި ވަކި ގޮތެއް ނުނިންމައެވެ. ވެރިކަން ހޯދުމަށްޓަކައި ގާސިމްގެ ތާއީދު ހޯދުމަށް ވާދަވެރިން ހޭބޯނާރަ ގާސިމްގެ ފައިބުޑަށް ތިރިވާ މަންޒަރު ދަނީ ފެންނަމުންނެވެ. ގާސިމް ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނާނެ ވަރުގެ ނިންމުމަކަށް ވާނެކަމަށް ދެކޭ ފަރާތްތައް ގިނައެވެ. އަނެއް ބަޔަކު ދެކޭގޮތުގައި ބޮޑު ޒުވާން އާބާދީއާއެކު ޤާސިމަކީ މިހާރު މާމުހިންމު މީހެއް ނޫނެވެ. ކޮންމެ ގޮތަކަށް ކަންއޮތް ކަމުގައި ވިޔަސް ސިޔާސީ މުފައްކިރުން ދެކެނީ، ގާސިމް ކޯލިޝަން ހަދާނީ މާލީ އެންމެ ބޮޑު ފައިދާއެއް އެބޭފުޅާގެ ވިޔަފާރިއަށް ލިބޭނެގޮތަކަށެވެ. ފަޅުރަށްތަކާއި ސަރުކާރުން ބޮޑެތި ބަދަލުތަކާއި އަދި އެއަރޕޯޓް ފަދަ ދައުލަތުގެ ހަރުމުދާ ޤާސިމަށް ދޫކޮށްލަން ރައީސް ސޯލިހަށް މިދައުރުގައި މަޖުބޫރުވިކަން ނޫސްތަކުގެ ސުރުހީންވަނީ ފެނިފައެވެ. ސުވާލަކީ މިފަހަރުގެ ކޯލިސަންގެ އަގަކީ ކިހާވަރެއްތޯ އުފެދޭ ސުވާލެވެ.

ރިއެކްޝަންސް
0
0
0
1
0
0
1