ރިޕޯޓް: ކޯލީޝަން: ގާނޫނީ ބުރަދަނެއް ނެތް!

22 ފެބުރުއަރީ 2023 - 15:38

އާ ގާނޫނުއަސާސީ ވުޖޫދުވެ މިހާތަނަށް ތިން ރިޔާސީ އިންތިހާބު ބާއްވައިފިއެވެ. އަދި ހަތަރު ވަނަ އިންތިހާބެއް މި އަހަރު ބާއްވާނެއެވެ. ފާއިތުވި ހަތަރު އިންތިހާބުގައި ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އިންތިހާބު ކާމިޔާބުކުރެއްވި ވާދަވެރި އެހެން ޕާޓީތަކާއި ލީޑަރުންގެ އެހީތެރިކަމާ އެކުގައެވެ. ނުވަތަ ކޯލީޝަނެއްގެ ތެރެއިންނެވެ. އެހެން ނަމަވެސް މިއީ އާ ގާނޫނުއަސާސީ ވެސް ދަންނަ ކަމެއް ނޫނެވެ. އަދި ކޯލީޝަންގެ ނިޒާމަކީ ގާނޫނީ އެއްވެސް ބާރެއް އޮތް ނިޒާމެއް ވެސް ނޫނެވެ. 

އެއް ލީޑަރަކަށް އެކަނި އިންތިހާބު ކާމިޔާބުކޮށްގެން ވެރިކަމަށް ނާދެވޭނެކަން އެއީ ރާއްޖޭގެ ސިޔާސީ ހަގީގަތެވެ. އެހެންކަމުން އިތުރު އެހެން ލީޑަރުންގެ ރުހުން ނެތި ވެރިކަމަށް އައުމަކީ ކުރިއަށް އޮތްތަނުގައި ވެސް ކާމިޔާބުވާނެ ފޯމިއުލާއެއް ނޫން ކަން ސިޔާސީ ފަރާތްތަކަށް ވެސް އެނގެއެވެ. މާޒީ އަށް ބަލާއިރު 2008 ގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ އޭރު ވާދަވެރި އެތައް ޕާޓީތަކަކާ އެކު “އަނގަ ބަހުގެ” އެއްބަސްވުމެއް އެކުލަވާލައިގެންނެވެ. ވެރިކަން ލިބިއްޖެ ނަމަ ސަރުކާރުގެ ބާރުތަކާއި މަގާމުތައް ފޮތިކޮށް ބަހާނެއް ގޮތް ލިޔުމަކަށް ތިރިކުރި ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ހުރި ލިޔުމެއް ނޫނެވެ. ނަތީޖާއަކީ ވެރިކަމަށް ވަޑައިގެން މާ ގިނަ ދުވަހެއް ނުވެ ރައީސް ނަޝީދާއި އެހެން ލީޑަރުންނާ މައްސަލަ ޖެހި މަގާމުތަކުން މީހުންތައް ބޭރުކުރުމެވެ. 

advertisement

އޭގެ ފަހުން 2013ގައި ވެސް އެކަންވީ އެހެންނެވެ. އެ ތަޖުރިބާއަށް ބަލާފައި އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ އާއި އެ ނޫން ވެސް ފަރާތްތަކުން ދައްކަމުން ދިޔަ އެއް ވާހަކައަކީ ކޯލީޝަނަށް ގާނޫނީ ބާރެއް ދިނުމުގެ ވާހަކައެވެ. އެހެންކަމުން މި ވެރިކަމުގެ ތެރޭގައި އެ ބަދަލު ފެނިގެންދާނެ ކަމަށް އެއްބަޔަކު އުންމީދުކުރިއެވެ. މަޖިލީހާއި ސިޔާސީ ފޯރަމްތަކުގައި ވެސް އެ ވާހަކަ ދެކެވުނެވެ. ނަމަވެސް މަޝްވަރާއަކާ ހަމައަށް ގޮސް އެ ހުވަފެނުގައި ހަގީގީ ކުލައެއް ނުޖެހެއެވެ. އެމްޑީޕީގެ ރައީސް ނަޝީދުގެ ވިސްނުންފުޅަކީ އެކަމަށް އޮތް މަގަކީ ބަރުލަމާނީ ނިޒާމެއް ގެނައުން ކަމެވެ. މިހާރު ވެސް ރައީސް ނަޝީދު ދެމިހުންނެވީ އެކަމަށް ވަކާލާތު ކުރެއްވުމުގައެވެ. 

ދުނިޔޭގެ އެކި ކަންކޮޅަށް ބަލާއިރު ކޯލީޝަން ހެދުމުގައި ވަކި ނިޒާމެއް އިސްތިސްނާވެފައެއް ނުވެއެވެ. ރިޔާސީ އަދި ބަރުލަމާނީ ނިޒާމުތަކުގެ ތެރޭގައި ވެސް ކޯލީޝަން ހެދޭ ގޮތަށް ގާނޫނީ ބާރު ދީފައި އޮވެއެވެ. އެހެން ކަމުން ވަކި ނިޒާމެއް އޮތުމަކީ ކޯލީޝަނަށް ގާނޫނީ ބާރު ނުދޭންވީ ސަބަބެއް ވެސް ނޫނެވެ.

ދެ ބައެއްގެ ދެމެދުގައި މިހާރު ހަދާ އެއްބަސްވުމަކުން ކޯލީޝަނެއް ހެދިޔަސް އެ އަށް އަމަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ވެރިކަން ކުރާ ރަސްމީ ޕާޓީގެ އިހުތިޔާރުގައި އޮންނަ ކަމެކެވެ. މި ވަގުތުގެ ހާލަތަށް ބަލާ ނަމަ އެމްޑީޕީން ބޭނުންވެއްޖެ ނަމަ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމް ފަދަ ކުދި ޕާޓީތަކަށް ސަރުކާރުން ދީފައިވާ ޖަގާ އަތުލުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެކުގައި މަސައްކަތްކޮށް ކާމިޔާބު ހޯއްދެވުމެވެ. 

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު އަނެއްކާ ވެސް ކޯލީޝަންގެ ވާހަކަ މި ވަނީ ގަދަވެފައެވެ. މިހާރު ދެމި އޮތް ކޯލީޝަން އެ ގޮތުގައި ބޭއްވުމަށް ރައީސް ސޯލިހް ވަނީ ޕާޓީތަކުގެ ވެރިންނަށް  ސިޓީފުޅެއް ފޮނުއްވާފައެވެ. އަދާލަތު ޕާޓީން މިހާރު ވެސް ވަނީ މަޝްވަރާތައް ފަށާފައެވެ. އެމްއާރުއެމްގެ ނިންމުން ހާމަކޮށްފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެ ޕާޓީ އޮތީ ރައީސް ސޯލިހާ އެކުގައެވެ. ޖުމްހޫރީ ޕާޓީން އަދި އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. އެ ޕާޓީން ނިންމާ ގޮތް ކުރިއަށް އޮތް އެ ޕާޓީގެ ކޮންގްރެސްގެ ތެރެއިން ހާމަވެގެން ދާނެއެވެ. 

މަޝްވަރާތައް ކުރި ނަމަވެސް ކޯލީޝަން ހަދާ ޕާޓީތަކަށް ބިރެއް ވެސް އެބަ އޮތެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބުވެއްޖެ ނަމަ އެއީ އެމަނިކުފާނު ވެރިކަން ކުރައްވާނެ ފަހު ދައުރެވެ. އެހެންކަމުން އަލަކުން އިންތިހާބަކާ މެދު ވިސްނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުން އެ ސަބަބަށްޓަކައި ކޯލީޝަން ދެމެހެއްޓުމުގެ މާ ބޮޑު ބޭނުމެއް ވެސް އޭރަކުން ނޯންނާނެއެވެ. އަދި ހިޔާލުތަފާތުވުން އުފެދިއްޖެ ނަމަ ނުވަތަ ސަރުކާރަށް ދަތިތަކެއް ކުރިމަތިވާ ނަމަ ކޯލީޝަން އުވާލައި ނުވަތަ ކޯލީޝަން ޕާޓީތަކަށް ސަރުކާރުން ދީފައިވާ މަގާމުތައް އަތުލުމަކަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. 

މި ހާލަތްތައް މެދުވެރިވާ މައިގަނޑު ސަބަބަކަށް ވެފައި އޮތީ ކޯލީޝަނަކީ އާ ގާނޫނު އަސާސީ ދަންނަ ކަމަކަށް ނުވުމެވެ. އަދި އެއީ ގާނޫނީ ބުރަދަނެއް ހުރި ނިޒާމަކަށް ވެސް ނުވުމެވެ. ނަމަވެސް ސުވާލަކީ މިއީ ރަނގަޅު ގޮތެއް ހެއްޔެވެ؟ އެއްވެސް ލީޑަރަކަށް އެކަނި އިންތިހާބު ކާމިޔާބުނުކުރެވޭކަން އެނގި ހުރެ އަދި ކޯލީޝަން ހަދަން މަޖުބޫރުވާކަން އެނގޭ އިރު ގާނޫނީ ބުރަދަނެއް ނުދެނީ ކީއްވެ ހެއްޔެވެ؟ 

ރިއެކްޝަންސް
0
0
0
0
0
0
0