99 އަހަރަށް ކުއްޔަށް ދިނުން — އާ ކަމެއްތަ؟

25 ފެބުރުއަރީ 2023 - 15:34

ބޭރުގެ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ތިލަފުށިން 99 އަހަރަށް ބިން ކުއްޔަށް ދޭން ހުޅުވާލުމާ އެކު އެތައް ބަޔަކު ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެއީ ކުރީ ސަރުކާރުން ސައުދީ އަށް ފ. އަތޮޅު ވިއްކާލަން އުޅުން ފަދަ ކަމަކާ އެއްފަދަ ކޮށްފައި ވެއެވެ. އެހެން ނަމަވެސް ހަގީގަތަކީ ކޮބައި ހެއްޔެވެ؟

ފ. އަތޮޅުގެ މަޝްރޫ އާއި ތިލަފުށިން ބިން ވިއްކުމާ އެއްފަދަކުރެވޭނެ ޖާގައެއް ނެތެވެ. ފ. އަތޮޅުގެ ބޮޑު ބައެއް ވިއްކާލުމަށްޓަކައި ގާނޫނު އަސާސީ އަށް ބަދަލު ގެނައެވެ. އަދި އެކަން ކުރަން އުޅުނީ ދެން އަލުން އެ ބިން އެހެން ބަޔަކަށް ނުލިބޭނެ ފަދަ ގޮތަކަށެވެ. އަދި އެކަން ރާވާފައި އޮތީ އަތޮޅުގެ ބޮޑު ބައެއް ބޭރުގެ ފަރާތަކަށް އުމުރަށް މިލްކުރެވޭ ގޮތަށެވެ.

advertisement

ނަމަވެސް ތިލަފުށިން ވިއްކުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ އުސޫލަކުން ނޫނެވެ.

ދެން އޮތް ސުވާލަކީ ރާއްޖޭގައި 99 އަހަރަށް ބިން ކުއްޔަށް ދޭން މިއުޅެނީ އަލަށް ހައްޔެވެ؟ ނޫނެކެވެ. ރާއްޖޭގައި ތަރައްގީކޮށްފައިވާ ގިނަ ރިސޯޓްތަކުގެ އެއްބަސްވުންތައް ވެސް ހަދާފައި ހުރީ 99 އަހަރަށް ކުއްޔަށް ދީގެންނެވެ. ތަފާތަކީ މިއީ ޓުއަރިޒަމްގެ ބޭނުމަށް ނޫން ގޮތަކަށް އެހާ ދިގު މުއްދަތަށް ބިން ކުއްޔަށް ދޭ ފުރަތަމަ ފަހަރު ކަމަށް ވުމެވެ.

އެހެން ނަމަވެސް ތިލަފަޅަކީ އިންޑަސްޓްރިއަލް މަސައްކަތްކުރާ ސަރަހައްދެކެވެ. އެހެން ކަމުން އިންޑަސްޓްރިއަލް ޒޯނަކުން ނުވަތަ އެ ދާއިރާ އަށް ވެސް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ވެސް ހޯދަންޖެހެއެވެ.

ދިވެހިންނަށް ވިއްކަނީ މިލްކު ކުރެވޭ ގޮތަށް، ބޭރު މީހުންނަށް 99 އަހަރު

ތިލަފުށި ހިންގާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ބިން ވިއްކުމަށް ހަމަޖައްސާފައި ވަނީ އަލަށް ހިއްކާ ސަރަހައްދުންނެވެ. ތިލަފުށިން 150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު އޭގެ ތެރެއިން ބީލަން އުސޫލުން ހިއްކުމަށް ހަމަޖައްސާފައި ވަނީ 4.3 ހެކްޓަރުގެ ބިމެވެ. ދިވެހިންނަށް ބިން ވިއްކަނީ މިލްކުކުރެވޭ ގޮތަށެވެ. ބޭރުގެ ފަރާތެއް ނަމަ 99 އަހަރަށެވެ. އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް 1،700ރ. އެވެ. އަދި ބޭރުގެ ފަރާތްތަކަށް ގަނެވޭނީ މުޅި ޖުމްލަ ބިމުގެ 10% ކަމަށްވަނީ ކަނޑައަޅާފައެވެ.

ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އިންޑަސްޓްރިއަލް މަސައްކަތެއް ކުރުމަށް ބަލާއިރު ވެސް ބޮޑު އަގެކެވެ. އަދި މިއީ ދިވެހި ކުންފުނިތަކަށް ވާދަކުރުމަށް ހުރަސްތައް ކުރިމަތިކުރުވުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ. އެހެން ނަމަވެސް އަކަފޫޓަކަށް 1،700ރ. ބޮޑު ކަމަށް އެ ބުނާ ވާހަކައިގައި ބުރަދަނެއް ނެތެވެ. ހުޅުމާލެއިން އެންމެ ފަހުން މީހުން ދިރިއުޅުމަށް ވިއްކި ބައެއް ބިންތަކުގެ އަގު އަކަފޫޓަކަށް 9،000ރ. ވެސް ޖެހިފައި ވެއެވެ. އެހެން ކަމުން މި އަގަކީ ދިވެހި ކުންފުނިތަކަށް ވާދަނުކުރެވެންވީ އަގެއް ނޫނެވެ.

ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުން ބުނާ ގޮތުން މިއީ ރާއްޖޭގައި މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުނިތަކަށް މަގުފަހިވާ ގޮތަށް ކުރާ ކަމެކެވެ. އަދި އެއީ ބިޔަ ކުންފުނިތަކަކަށްވާއިރު އެ ކުންފުނިތަކުން ހުށަހަޅާ އަގާ ދިވެހި ކުންފުނިތަކަށް ވާދަނުކުރެވޭނެތީ މިއީ ވަކި ބަޔަކަށް ބިން ދިނުމުގެ ގޮތުން ހިންގާ ޖަރީމާއެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް އެޗްޑީސީން އެކަން ދޮގުކުރެއެވެ.

ފާޑުކިޔުންތަކަށް ރައްދު ދީ އެޗްޑީސީން ބުނެފައި ވަނީ ރާއްޖޭގައި ހަމައެކަނި މަޝްރޫއެއް ހިންގަން އައިސް ތިބި ކުންފުނިތަކަށް ތިލަފުށިން ވިއްކާ ބިންތަކަށް ކުރިމަތިނުލެވޭނެ ކަމަށެވެ. އެ ގޮތުން ޕްރޮޖެކްޓް ބޭސިސްގައި މަޝްރޫއުތައް ހިންގަން އައިސް ތިބި ކުންފުނިތަކަށް އެ ބިންތަކަށް ކުރިމަތިނުލެވޭނެ ކަމަށާއި ކުރިމަތިލެވޭނީ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީގެ ދަށުން ހުއްދަ ދީފައިވާ އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަނި ކަމަސް އެޗްޑީސީން ބުނެފައި ވެއެވެ. އަދި އެ ކުންފުނިތަކަށް ވެސް ކުރެވޭނީ އެފްޑީއައިގެ ދަށުން ހުއްދަ ދެވިފައިވާ މަސައްކަތްތައް އެކަނި ކަމަށް ވެސް އެޗްޑީސީގެ ދިފާއީ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު މާލޭ ރައްޔިތުން އުފައްދާ ކުނި އަޅައިގެން ހިއްކައި އަދި ފަހުން ކުނި ޕްރޮސެސްކުރާ ތަނަކަށް ބަދަލުވެ، މިހާރު އިންޑަސްޓްރިއަލް ގިނަ މަސައްކަތްކެއް ކުރަމުން އަންނަ ތިލަފުއްޓަކީ މި ސަރުކާރުން އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ރާވާފައިވާ ރަށެވެ. މީގެ ކުރިން ހަމައެކަނި ކުނިގޮނޑެއްގެ ގޮތުގައި އޮތް ނަމަވެސް ކުނި ނައްތާލުމުގެ ކަންކަން ޒަމާނީ ނިޒާމެއްގެ ތެރެއިން ފަށައި ކުރިއަށް ދާއިރު މި ސަރުކާރުން ވަނީ ތިލަފުށި ތަރައްގީކުރުމަށް މާސްޓަޕްލޭނެއް ތައްޔާރުކޮށްފައެވެ. ބިން ހިއްކުމާއި ބިން ވިއްކުމުގެ މަސައްކަތަކީ އޭގެ ތެރެއިން ބައެކެވެ. މުސްތަގުބަލުގައި މާލޭގެ ބައިނަލްއަގުވާމީ ބަނދަރު އެ ސަރަހައްދަށް ބަދަލުވެގެންދާއިރު ތިލަފުށި ހިމެނޭ ސަރަހައްދު ވެގެންދާނީ ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކުގެ މައި ހަބަށެވެ.

މިހާރު ހަލުވިކަމާ އެކު މަސައްކަތްކުރަމުން އަންނަ މާލެ-ތިލަފަޅު ބްރިޖް ގޮސް ގުޅި، ރާއްޖޭގެ އިންޑަސްޓްރިއަލް މައި ހަބުގެ ގޮތުގައި ތިލަފުށި ހިމެނޭ ސަރަހައްދު ތަރައްގީވާއިރު އެ ތަނަށް ބޭރުގެ އެތައް އިންވެސްޓްމަންޓެއް ބޭނުން ވާނެއެވެ. ސަރުކާރުގެ މާސްޓަޕްލޭންގައި ހުރި ކަންކަމަކީ ދިވެހި ކުންފުނިތަކަށް އެކަނި ކުރެވޭނެ ކަންކަމެއް ވެސް ނޫނެވެ. އެހެންކަމުން ފޮރިން އިންވެސްޓްމަންޓް އިތުރުކުރުމަށް ވެސް ތިލަފުށީގެ ބިމަކީ މުހިންމު ބިމެކެވެ. އަދި ޓުއަރިޒަމްގެ ބޭނުންތަކުގެ އިތުރުން ތަފާތު ފެކްޓަރީތަކާއި އެ ނޫން ވެސް ފޮރިން އިންވެސްޓްމަންޓްތައް އިންޑަސްޓްރިއަލް ޒޯންތަކަށް ގެނައުމަށްޓަކައި 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދިނުމަކީ މައްސަލައަކަށް ވެފައި އެހެން ވިޔަފާރިތަކުގައި މައްސަލައަކަށް ނުވުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. އަދި ދިވެހި މަދު ވިޔަފާރި ވެރިންތަކަކަށް އެކަނި ދިނުމަކުން ހުރިހާ ދިވެހިންނަށް ވަކިންވާ މޮޅު ފައިދާއެެއް އޮތްކަމަކަށް ނުފެނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0