ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު

13 މެއި 2023 - 9:57

ސްކޭޓް މޯލްޑިވްސްގެ 2023 އަދި 2024ވަނަ އަހަރުގެ ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ. ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރެޖިސްޓަރކޮށްފައިވާ ސްކޭޓިންގ އާއި ބެހޭ ޤައުމީ މުއައްސަސާއެވެ. 

މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ސްކޭޓް މޯލްޑިވްސްއަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

advertisement

އެ އެސޯސިއޭޝަނުން މިހާރު ދަނީ 2ވަނަ އިންޓަނޭޝަނަލް ރޯލާރ ސްކޭޓިން ޗެމްޕިއަންޝިޕް ބާއްވަމުންނެވެ. 2023ވަނަ އަހަރުގެ މެއި މަހުގެ 11 އިން 13 އަށް މާލެ އުސްފަސްގަނޑު އަދި ހުޅުމާލެ މުބާރާތް ސަރަހައްދުގައި ކުރިއަށްދާ މި ކުލަގަދަ އިވެންޓުގައި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ސްކޭޓަރުންވެސް ބައިވެރިވާނެއެވެ.

“ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށްވެ، ރޯލާރ ސްކޭޓިންގ ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އެސޯސިއޭޝަންއާއި ގުޅިގެން މި ކުޅިވަރު ކުރިއަރުވައި އައު ޖީލެއްގެ ޤައުމީ ފެންވަރުގެ އެތުލީޓުން ތަޢާރަފް ކުރުން،” ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ބުނިއެވެ. 

“މުޖުތަމަޢުގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ދިރާގުން އަބަދުވެސް ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރަން. މި ޕާޓްނަރޝިޕް މެދުވެރިކޮށް އެ ކުންފުންޏާއި ގުޅިގެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ގިނަ ސްކޭޓަރުންތަކެއް ތަމްރީނުކޮށް ބިނާކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،” ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ބުނިއެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0