ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގެ ރާއްޖޭގެ ޓީމަށް ދިރާގުގެ ހާއްސަ އެހީއެއް

10 ޖޫން 2023 - 13:45

މިއަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސް 2023ގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޓީމަށް ދިރާގުން ޖާޒީ އާއި ޓްރެވެލް ކިޓް ހަދިޔާކޮށްފިއެވެ. ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަކީ ޚާއްސަ އެހީއަށް ބޭނުންވާ އެތައް ހާސް އެތުލީޓުންނެއް އެކި ކުޅިވަރުތަކުގައި ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް އިވެންޓެވެ. މިއަހަރުގެ ވޯލްޑް ގޭމްސްގައި ރާއްޖޭގެ ޓީމުން ބައިވެރިވަނީ ވާދަވެރި ދުވުމާއި ބެޑްމިންޓަންގައެވެ.

މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތުގެ ޖާޒީ ޓީމާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙްލޫފްއެވެ. އަދި ޖާޒީ އާއި ޓްރެވެލް ކިޓް ޓީމާ ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް ކޮމާރޝަލް އޮފިސަރ، އަލީ ރިޔާޒެވެ.

advertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓީމަށް ފުރުހަމަ ކާމިޔާބީއަކަށް އެދި، މިނިސްޓަރ މަހުލޫފް ވަނީ މިކަމުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން ކުޅޭ މުހިންމު ދައުރަށް އަލިއަޅުވާލާފައެވެ. އަދި ދިރާގުން މިއަހަރުގެ ވޯލްޑް ގޭމްސްއަށް ދާ ޓީމަށް ވެދިން އެހީ ފާހަގަކޮށް އެކުންފުންޏަށް ޝުކުރު އަދާކުރިއެވެ. 

“ދިރާގުން މިއަހަރު ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޓީމަށް ފޯރުކޮށްދިން އެހީތެރިކަމަށާއި އަދި ވޭތުވެދިޔަ އަހަރުތަކުގައިވެސް އެކުންފުނިން ވެދެމުންދާ އެހީތެރިކަމަށް ވަރށް ޚާއްސަ ޝުކުރެއް ދަންނަވަން. އަދި ވަކިން ޙާއްސަކޮށް، ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަށް ފާހަގަކޮށްލަން ބޭނުން. އެ ފެސްޓިވަލަކީ އަޅުގަނޑުމެންގެ ވަރަށް ގިނަ އެތުލީޓުންނަށް ކުޅިވަރުގެ މާހައުލަށް ނުކުތުމަށާއި މިކަމުގައި އަމިއްލަ ނަފްސަށް އިތުބާރުކުރުމަށް ދަސްކޮށްދިން ހަރަކާތެއް.” ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއަރޕަރސަން، އައިމިނަތު ޝައިނާ އަބްދުﷲ ބުނިއެވެ.  

ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯ ތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ. 

ރިއެކްޝަންސް
0
0
0
0
0
0
1