ހުޅުމާލެއަށް ވަކި ލޯކަލް ކައުންސިލެއް މުހިންމު!
3 ޖުލައި 2026 - 11:53
ވަކި ރަށަކަށް ބަލާއިރު ރާއްޖޭގެ އެންމެ ގިނަ ބަޔަކު މި ވަގުތު ދިރިއުޅެނީ މާލެއަކު ނޫނެވެ. ތަފާސް ހިސާބުތަކާއި އަންދާޒާކުރެވޭ ގޮތުން ނަމަ މާލޭގައި ދިރިއުޅޭ އާބާދީ އާށް ވުރެ ހުޅުމާލެ ދެ ފިޔަވަހީގައި މިހާރު ދިރިއުޅޭ މީހުންގެ އާބާދީ މާ ބޮޑަށް ވެސް އިތުރެވެ. އެހެން ނަމަވެސް އިދާރީ ގޮތުން ގްރޭޓާ މާލޭގެ ތެރޭގައި ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭތީ މުނިސިޕަލް ކަންކަން ބަލަހައްޓަމުން އަންނަނީ މާލޭ ސިޓީ ކައުންސިލްގެ ތެރެއިންނެވެ. ގިނަ ކަންކަމުގެ ކޮންޓްރޯލް އޮތީ ހުޅުމަލޭގެ ބިމުގެ މިލްކުވެރިކަން އޮތް ސަރުކާރުގެ ކުންފުނި ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އަތްދަށުގައެވެ. އާބާދީ ކިތަންމެ ބޮޑަސް އިދާރީ ގޮތުން ހުޅުމާލެ ވަނީ ހައްގުތަކުން މަހުރޫމްކޮށްފައެވެ. މިއީ ބަދަލުވާންޖެހޭ ކަމެކެވެ. މާލެ ސިޓީ ކައުންސިލުން ހުޅުމާލެ އަށް ޖާގަ އިތުރުކުރުން ނުވަތަ މުޅިން ވަކި ކައުންސިލެއް އޮތުން މުހިންމެއް ނޫން ހެއްޔެވެ؟
އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަނީ!

ގްރޭޓާ މާލޭ ސިޓީގައި ހިމެނޭ ރަށްތަކުގެ ތެރެއިން މި ވަގުތު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުން އަންނަނީ ހުޅުމާލޭގައެވެ. އެހެންކަމުން އާބާދީ އިތުރުވަނީ ވެސް ހުޅުމާލޭގެ ދެ ފިޔަވަހީގައެވެ. ތިނަ ވަނަ ފިޔަވަހި ވެސް ތައްޔާރުވަމުން އަންނަ އިރު ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑުތަނުން އިތުވާނެއެވެ.
މި އަހަރުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހުޅުމާލޭގެ ތިން ދާއިރާގައި ރަޖިސްޓްރީވެފައިވާ 18 އަހަރުން މަތީގެ މީހުންގެ އަދަދު 9،000 އަށް ވެސް ނާރައެވެ. އެހެން ނަމަވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2022 ވަނަ އަހަރު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނަމަ ހުޅުމާލެ ފޭސް 1ގައި 35،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ. އަދި ފޭސް 2ގައި ގާތްގަނޑަކަށް 30،000 މީހުން ދިރިއުޅެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ސަރުކާރުތަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އަމިއްލަ ގޯތިތަކުގައި ދިރިއުޅެން ފެށި މީހުންނާ އެކު ދެ ފިޔަވަހީގެ އާބާދީ މިހާރު 150،000 އަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި މިހާރު ހިއްކައި ތަރައްގީކުރަމުން އަންނަ ތިން ވަނަ ފިޔަވައްސާ އެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ އަދަދު 2000،000 އަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.
މިއީ ގްރޭޓާ މާލޭގެ އެހެން ރަށްތަކާ ބަލާއިރު ވަރަށް ބޮޑުތަނުން އިތުރު އަދަދެކެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭގައި އެކަނި ދިރިއުޅޭ ދިވެހިންގެ އާބާދީއަކީ ގާތްގަނޑަކަށް ލައްކައެކެވެ. ބިދޭސީންނާ އެކު ގާތްގަނޑަކަށް 140،000 އަށް އަރައެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ ބޮޑުތަނުން އިތުރެއް ނުވެއެވެ. އެހެން ނަމަވެސް ހުޅުމާލޭގެ ތިން ފިވަހީގެ އާބާދީ އަދިވެސް ދާނީ އިތުރުވަމުންނެވެ.
އިދާރީ އޮނިގަނޑުގައި ހަމަހަކަމެއް ނެތް!
ގްރޭޓާ މާލޭ ސަރަހައްދުގެ ތެރޭގައި މި ވަގުތު އޮތް ތިން ރަށުގެ ތެރެއިން އާބާދީ އާއި ބިމުގެ ގޮތުން އެންމެ ބޮޑީ ހުޅުމާލެއެވެ. އެހެން ނަމަވެސް އިދާރީ ގޮތުން އެންމެ ނިކަމެތީ ހުޅުމާލެއެވެ. އެންމެ އަސާސީ ކަންކަމުގަ އާއި އާބާދީ ތަމްސީލުކުރުމުގައި ވެސް ހައްގުތަކުން ވަނީ މަހުރޫމް ކޮށްފައެވެ.
ކިތަންމެ ބޮޑު އާބަދީއެއް އޮތް ނަމަވެސް މާލެއާ ހިލާފަށް މުނިސިޕަލްގެ ކަންކަން ބެލެހެއްޓުމާއި ބިމުގެ ހައްގުތައް އޮތީ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައެވެ. މަދު ހިދުމަތްތަކެއް މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ހުރި ނަމަވެސް ގިނަ ކަންކަމުގެ ބާރުވެރިކަން އޮތީ ވިޔަފާރި ކުންފުންޏެއްގެ ދަށުގައެވެ. މި ދެ މުއައްސަސާގެ ދެމެދުގައި ގާނޫނީ އަދި އިދާރީ ގޮތުން ޒިންމާތައް ފުށުއެރުމުގެ ސަބަބުން، މަގުތައް މަރާމާތުކުރުމާއި، ކުނި މެނޭޖުކުރުމާއި، އަދި ދުވަހުން ދުވަހަށް ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. އާންމު ފަރުދުންނަށް ވެސް މިކަމުގައި ބޮޑެތި އޮޅުންތަކެއް އަރައެވެ. އެއް އިދާރާއަކުން ކުރެވޭނެ އެތައް ކަމެއްގައި އެކި އިދާރާތަކަށް ދުވަންޖެހެއެވެ. އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލާ ދޭތެރޭގައި ރައްޔިތުންގެ ގަނޑަތެޅެން ޖެހުމަކީ މިފަދަ ޒަމާނީ ނިޒާމުތަކުގެ ތެރޭގައި ރައްޔިތުންނަށް ޖައްސާފައިވާ ބޮޑު ތަކުލީފެކެވެ.
ރައްޔިތުން ތަމްސީލްނުކުރެވޭ!
އާންމު އިންތިހާބުތަކުގައި އިދާރީ ގޮތުން މާލެ އަށް 19 ގޮނޑި ލިބެއެވެ. ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިހާބުތަކުގައި މިހާ ގިނަ އަދަދެއްގެ ގޮނޑި މާލެ އަށް ހާއްސަކޮށްފައިވީ ނަމަވެސް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެ ހުޅުމާލެ އަށް ލިބިފައި ވަނީ އެންމެ ތިން ގޮނޑިއެވެ.
ކަމާ ބެހޭ އިދާރާތަކުން ދެކޭ ގޮތުގައި މިހެން މިކަން އޮތީ ހުޅުމާލޭގައި ދިރިއުޅޭ އެތައް ބަޔަކު އަދިވެސް ރަޖިސްޓްރީގައި ޖެހިފައި ނުވާތީއެވެ. އެހެން ނަމަވެސް މިއީ މުޅި މައްސަލައިގެ އަސްލެއް ނޫނެވެ. މާލެ ސަރަހައްދަށް ރަޖިސްޓްރީވުމަކީ އެހާ ފަސޭހަ ކަމެއް ވެސް ނޫނެވެ. އަދި ދާއިމީ އެޑްރެސް ބަދަލުކުރުމުގައި ހުރި ދަތިތައް އެހާ ގިނައެވެ. ހުޅުމާލެ އިން ފްލެޓެއް ނުވަތަ ބިމެއް ލިބިފައިވީ ނަމަވެސް ރެޖިސްޓްރީކުރުމުގައި ހުރި ހުރަސްތައް ގިނައެވެ. އޭގެ އެއް މިސާލަކީ އެންމެ ފަހުން ދޫކުރި އަމާން ފްލެޓްތަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކެވެ. މާލެ އަށް ރަޖިސްޓްރީ ބަދަލުކުރަން ބޭނުން ވިޔަސް އެޗްޑީސީ އަދި ބައެއް ފްލެޓްތައް ބަލަހައްޓާ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެކަން ވަނީ ބޮޑު ހައިޖާނަކަށް ވެފައެވެ. މި ހުރިހާ މައްސަލައެއްގެ ވެސް ހައްލެއް ކަމަށް ފެންނަނީ ދާއިމި އެޑްރެސް އުވާލުމެވެ.
ދާއިމީ އެޑްރެސް ފަސޭހައިން ބަދަލުކުރެވޭ ގޮތަށް ދާދި ފަހުން އިދިކޮޅު އެމްޑީޕީގެ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވިއެވެ. އެ ބިލުގައިވަނީ އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅޭނެ ތަނެއް ގާނޫނީ ގޮތުން މިލްކުވުމާ އެކު، އެ ރަށެއްގެ ރަޖިސްޓްރީއަށް ބަދަލުވުމުގެ ފުރުސަތު ވަގުތުން ދިނުމަށެވެ. މީގެ ތެރޭގައި ތަރިކައިން ނުވަތަ ބިން ބެހުމުގެ ތެރެއިން، ނުވަތަ ގަނެގެން، ނުވަތަ ހަދިޔާގެ ގޮތުގައި، ނުވަތަ ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ގެދޮރު ލިބޭ ފަރާތްތައް ހިމެނެއެވެ. މި އިސްލާހުގައިވާ ގޮތުން، އެފަދަ ތަނެއް ލިބޭ ފަރާތަކުން ރަޖިސްޓްރީ ބަދަލުކުރަން ހުށަހެޅުމުން، އެ ތަނަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއިން ކަށަވަރު ކުރުމަށް ފަހު، ފަސް އަހަރު ދިރިއުޅުމުގެ ޝަރުތަކާ ނުލައި ރަޖިސްޓްރީ ކޮށްދޭން ޖެހޭނެއެވެ. އެހެން ނަމަވެސް ސަރުކާރުގެ މެންބަރުން ވަނީ މި ބިލު ބޭރުކޮށްލާފައެވެ.

އެ ބިލުގެ ބަހުސްގެ ތެރޭގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެފައި ވަނީ ދާއިމީ އެޑްރެސް އުވާލަންޖެހޭ ކަމަށާއި އެ މީހަކު ނިސްބަތްވާ ރަށެއްގެ ސަބަބުން ނުވަތަ ދާއިމީ އެޑްރެހުގެ ސަބަބުން ހައްގުތަކަށް އުނިކަން ލިބުމަކީ ބޯދާ ވިސްނުމެއް ކަމަށެވެ. އަދި ހައްގުތައް ފޯރުކޮށްދިނުމުގައި ތަފާތުކުރުން ގެންގުޅުމަކީ ގާނޫނު އަސާސީއާ ވެސް ހިލާފު ކަމެއްގެ ގޮތުގައި އެމްޑީޕީގެ މެންބަރު ފާހަގަކުރެއްވިއެވެ.
ޑރ. ޝަމްހީދު ފާހަގަކުރެއްވި ހައްގުތަކުގެ ތެރެއިން އެއް ހައްގަކީ ހުޅުމާލޭގެ ދާއިމީ އެޑްރެހުގައި ތިބި މީހުންގެ އަދަދު މަދުވުމުން ރައްޔިތުންގެ މަޖިލީހާއި ސިޓީ ކައުންސިލްގައި ހުޅުމާލެ ތަމްސީލްކުރުމަށް ލިބޭ ފުރިހަމަ ހައްގު ގެއްލުމެވެ. އަދި މުނިސިޕަލް ހިދުމަތްތަކުގައި ތަފާތުކުރުން އޮތުމެވެ.
ސިޓީ ކައުންސިލަށް ވެސް ދަތިތަކެއް!
މާލޭގައި ގާއިމުވެފައިވާ ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބެލެހެއްޓުމަކީ އަމަލީ ގޮތުން ވެސް ދަތި ކަމެކެވެ. ބްރިޖަކުން ގުޅޭލެވިފައިވީ ނަމަވެސް ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތެއް އަދި ވަސީލަތްތަކެއް މާލޭގައި ގާއިމުވެފައި ހުރުމަކީ ހުޅުމާލޭގައި ހިދުމަތްތައް ފޯރުކޮށްދިނުުމަށް ވެސް އޮތް ވަރަށް ބޮޑު ދަތިކަމެކެވެ. އަދި އިދާރީ ގޮތުން ހުރި ދަތިތަކާއި ބިމުގެ މިލްކުވެރިކަން ކުންފުންޏެއްގެ ދަށުގައި އޮތުމުން ސިޓީ ކައުންސިލަށް އެކަށީގެންވާ ގޮތެއްގައި އެ ހިދުމަތްތައް ހުޅުމާލޭގައި ފޯރުކޮށްދިނުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ މައިގަނޑު މަގްސަދަކީ، ރައްޔިތުންނާ އެންމެ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ހުޅުމާލޭގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ކަންކަން ނިންމުމުގެ ބާރު ލިބިގެންދާނީ، އެ ސަރަހައްދަށް ހާއްސަވެގެން މަސައްކަތްކުރާ، ރައްޔިތުން އިންތިހާބުކުރާ ކައުންސިލެއް އޮވެގެންނެވެ. އެތައް ހާސް ބަޔަކު ދިރިއުޅޭ ތަނަކަށް ބޭނުންވާނެ މުނިސިޕަލް ހިދުމަތްތައް މާލެއެކޭ އެއްގޮތަށް ހުޅުމާލޭގެ ރައްޔިތުންނަށް ލިބިދިނުމަށް ހުރަސްތަކެއް ކުރިމަތިކޮށްފައި އޮތުމަކީ ހުޅުމާލޭގެ ރައްޔިތުންގެ ހައްގުތަކަށް ލިބިފައިވާ އުނިކަމެކެވެ.
ހުޅުމާލެއަކީ މާސްޓަރ ޕްލޭނެއްގެ ދަށުން ހަދާފައިވާ ޒަމާނީ ސިޓީއެކެވެ. އެހެންކަމުން އެތަނުގެ ތަރައްގީގެ ބޭނުންތައް މާލެއަށްވުރެ ތަފާތެވެ. ރަށެއްގެ ލާބަޔަށް ކައުންސިލަކުން ވިސްނާ ގޮތާއި ވިޔަފާރި ކުންފުންޏަކުން ވިސްނާ ގޮތް ވެސް ހާސްބައި ތަފާތުވާނެްއެވެ. ލޯކަލް ޓުއަރިޒަމްގައި ވެސް އެންމެ ގިނަ ގެސްޓް ހައުސްތައް އަދި ޓުއަރިސްޓުންނަށް ހިދުމަތް ދޭ ތަންތަން އެންމެ ގިނަ އެއް ރަށަކީ ހުޅުމާލެއެވެ. ވިޔަފާރި ކުންފުންޏަކުން މި ތަންތަނުގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަކީ ވެސް މަސްލަހަތު ފުށުއެރުން ވެސް އޮތް ކަމެކެވެ. ވަކި ކައުންސިލެއް އޮތުމުން، ހުޅުމާލެއަށް ދައުލަތުން ލިބޭ ބަޖެޓާއި، އެތަނުން އުފައްދާ އާމްދަނީ ސީދާ ހުޅުމާލޭގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ހޭދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މި ކަމަށް ގާނޫނީ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް މިއީ ރައްޔިތުންގެ މަޖިލީހުން ބޭނުން ވެއްޖެ ނަމަ އިސްލާހުކުރެވޭނެ ކަންކަމެވެ. ހުޅުމާލޭގެ ބިމުގެ މިލކުވެރިކަން އޮތް އެޗްޑީސީގެ ވިޔަފާރީގެ ދައުރާއި، ކައުންސިލްގެ މުނިސިޕަލް ދައުރު ވަކިކުރަންޖެހެއެވެ.
ހުޅުމާލެއަކީ މިހާރު ހަމައެކަނި މާލޭގެ ތޮއްޖެހުން ކުޑަކުރަން ހެދި އަވަށެއް ނޫނެވެ. އެއީ އަމިއްލަ ސަހުސިއްޔަތެއް އޮތް ބޮޑު ސިޓީއެކެވެ. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ހުޅުމާލެއަށް ވަކި ކައުންސިލެއް އޮތުމަކީ މިހާރުން މިހާރަށް ބޭނުންވެފައިވާ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ލަސްނުވެ، ފަސޭހަކަމާ އެކު އަސާސީ ހިދުމަތްތައް ލިބި، ސިޓީގެ ތަރައްގީ އިތުރު ހަރުފަތަކަށް ދަތުރުކުރާނެއެވެ. އާބާދީ އިތުރުވަމުން އަންނަ އިރު އެއާ އެއްވަރަށް އިދާރީ އޮނިގަނޑުތަކަށް ބަދަލު ގެނެސް ހުޅުމާލޭގެ ތިން ފިޔަވަހީގައި ދިރިއުޅޭ މީހުންގެ ބޭނުންތަކާ އެއްގޮތަށް ކަންކަން ހަމަޖެއްސުމުގެ ބާރު އޮތް ވަކި ކައުންސިލެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.


