ޕާޓީތަކުގެ ސިޔާސަތު ކަނޑައަޅަން ބޭފުޅުން، ބޮޑެތި މައްސަލަތަކަށް ބީރު ކަންފަތެއް!
10 ޖުލައި 2026 - 9:09
ޒަމާނީ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުވެފައި އޮތް އިރު ވެރިކަން ކުރުމުގައި ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަސީގެ މައިބަދައެވެ. ކޮންމެ ޕާޓީއަކުން ވެސް ވެރިކަމަށް އަންނަނީ މެނިފެސްޓޯއެއް ވިއްކައިގެންނެވެ. ނަމަވެސް، މިއަދު ފެންނަމުންދަނީ ޕާޓީތަކުގެ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ވަކި ހާއްސަ “ބޭފުޅުން” ތަކެއްގެ އަތްމައްޗަށް ބުރަވެ، ރައްޔިތުންގެ ހަގީގީ ބޭނުންތަކާއި ސިޔާސަތުތައް ދުރުވަމުންދާ ހިތާމަވެރި މަންޒަރެވެ. ރައްޔިތުންގެ އަސްލު މައްސަލަތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު، ސިޔާސީ އެޖެންޑާތައް ބައްޓަންވަނީ މަތީ ފަންތީގެ މަސްލަހަތުތަކާ އެއްގޮތަށެވެ. ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ނުވަތަ ވަކި ބޭފުޅެއްގެ ތާއީދު އިތުރުކުރުމަށް ހިންގާ މަޝްރޫއުތައް އިސްކަން ދޭ މަންޒަރު އެބަ ފެނެއެވެ. ގައުމީ ފެންވަރުން ފެށިގެން ރަށު ފެންވަރުގެ މަޝްރޫއުތަކުގައި ވެސް މި ފާހަގަކުރި މަސްލަހަތު ހިމާޔަތްކުރުން އެބަ އޮތެވެ.
ބޭފުޅުންގެ ނުފޫޒާއި ވައްކަމަށް މަގުފަހިވާ ސިޔާސަތުތައް!
ސިޔާސީ ޕާޓީތަކުގެ މުގޫ ހިފަހައްޓައިގެން ތިބި ނުފޫޒުގަދަ ބޭފުޅުންގެ ސަބަބުން، ޕާޓީތަކުގެ މެނިފެސްޓޯތަކާއި ގައުމީ ސިޔާސަތުތައް ބައްޓަންވަނީ ރައްޔިތުންގެ އާދައިގެ ދިރިއުޅުމާ ގުޅުންހުރި ކަންކަމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި އިސްކަންދެނީ ބޮޑެތި ވިޔަފާރިތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. ސިޔާސީ ފަންޑިންގް ދޭ ބޮޑެތި ވިޔަފާރިވެރިންނަށް ފައިދާވާނެ ގޮތަށް ގަވާއިދުތަކާއި ސިޔާސަތުތައް ބަދަލުކުރެ އެވެ. އޭގެ އެއް މިސާލަކީ ވިޔަފާރިއާ ގުޅުން ހުރި ގާނޫނުތަކަށް ގެންނަ އިސްލާހުތަކެވެ. ދުންފަތުގެ ބާވަތްތަކުގެ އަގަށް ގެނައި ބަދަލުގެ ވެސް ހަގީގީ މަގުސަދު އޮތީ ފޮރުވިފައެވެ.
މިދިޔަ އަހަރު ހަމަ މި ސަރުކާރުން ޑިއުޓީގެ ގޮތުގައި ކޮންމެ ސިނގިރޭޓަކުން 8ރ. ނެގުމަށް ނިންމުމަށް ފަހު މިހާރު އަނެއްކާ ވެސް އެ އަދަދު 4ރ. އަށް ބަދަލުކުރުމުގައި ވެސް އޮތީ ވިޔަފާރީގެ މަސްލަހަތެކޭ ބުނެވިދާނެއެވެ. ސަރުކާރުން ބުނަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ނިންމީ ސިއްހަތަށް ނުރައްކާވާ ފަދަ ގޮތް ނޭނގޭ ބާވަތްތައް ބޭނުންކުރުން އިތުރުވެފައިވާތީ އާންމު ސިއހްތަށް ވިސްނައިގެން ކަމަށެވެ. އެހެން ނަމަވެސް ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ބްލެކް މާކެޓެއް އުފެދި ވަގަށް އެތެރެކުރާ ސިނގިރޭޓްގެ ބާވަތްތައް އިންތިހާ އަށް އިތުރުވިކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. ރާއްޖެ ފަދަ ލޫޕްހޯލްތައް ގިނަ އަދި ކޮރަޕްޝަން އިންތިހާ އަށް އޮތް ގައުމެއްގައި މިއީ ކަންވާނެ ގޮތެވެ. އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި އާމްދަނީ ވަރަށް ބޮޑުތަން ދަށަށް ދިޔައެވެ.
ބިޔަ ބޮޑެތި މަޝްރޫއުތަކަށް އިސްކަންދިނުން!
ކޮންކްރީޓް ބޮޑެތި މަޝްރޫއުތަކަކީ ސިޔާސީ ގޮތުން ދެއްކުންތެރިކަން ބޮޑު، އަދި ހަމައެހެންމެ ކޮރަޕްޝަނާއި ވައްކަމަށް މަގުފަހިވާ ގޮތަށް ކޮންޓްރެކްޓްތައް ދޫކުރަން ފަސޭހަ ކަންކަމެވެ. މީގެ ސަބަބުން ރައްޔިތުންގެ އަސާސީ ބޭނުންތައް ކަމަށްވާ ދިރިއުޅޭނެ ބޯހިޔާވަހިކަމާއި، ތައުލީމާއި، ސިއްހީ ނިޒާމުގެ ފެންވަރު މަތިކުރުން ފަދަ އަސްލު މައްސަލަތައް ފަސްގަނޑު ދަށަށް ފެތި، ގެއްލިގެންދެއެވެ. ރާއްޖެ ފަދަ އާބާދީ މަދު ގައުމެއްގައި ވެސް އަދިވެސް ސާފު ބޯފާއި ނަރުދަމާ ގާއިމުނުކުރެވޭ އެތައް ރަށެއް އެބަ އޮތެވެ. މިއީ 21 ވަނަ ގަރުނަށް ބަލާއިރު ދައުލަތް ހިންގަން ތިބި ފަރާތްތައް ލަދުގަންނަންޖެހޭ ވަރު ކަމެކެވެ. އެފަދަ މަޝްރޫއުތަކަށް ހޭދަކުރުމުގެ ބަދަލުގައި ބޮޑެތި ލޯނުތައް ނަގައިގެން ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގުމަށް އިސްކަން ދެވެއެވެ. ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ކިތަންމެ ފަށުވި އިބާރާތުން އެ ވާހަކަތައް ލިޔެފައި ހުއްޓަސް ތަންފީޒީ މަރުހަލާ އަށް އަންނަ އިރު އަސާސީ ކަންކަމަށް ވުރެ ބިޔަ ބޮޑެތި މަޝްރޫއުތަކަށް އިސްކަން ދޭކަން އެއީ ފެންނަން އޮތް ހަގީގަތެވެ.
އަގުބޮޑު ދިރިއުޅުމާއި ގައުމުގެ ހަގީގީ ހާލަތު ނޭނގުން!
ސިޔާސަތު ކަނޑައަޅާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދިރިއުޅުއްވަނީ އާދައިގެ ރައްޔިތެއްގެ ދިރިއުޅުމާ މާ ދުރު، އަގުބޮޑު މާހައުލެއްގައެވެ. ބައެއް ވަޒީރުން އާދައިގެ ދިރިއުޅުއްވުމެއް އުޅުއްވާކަން ދެއްކެވުމަށް ސައިކަލުކޮޅުގައި އުޅުއްވި ނަމަވެސް އެ ބޭފުޅުންގެ ވެސް މާލީ ތަނަވަސްކަން އާންމު މީހާ އަށް އެނގެއެވެ. މަހަކު އެތައް ލައްކަ ރުފިޔާއެއްގެ ކުލި ލިބޭ، ނުވަތަ ދައުލަތުގެ އިނާޔަތްތަކާއެކު ފެންވަރު މަތީ ދިރިއުޅުމެއް އުޅުއްވާ ބޭފުޅަކަށް، ކުޑަކުޑަ ގޮޅިއެއް ފަދަ ކޮޓަރިއެއްގައި ދިިރިއުޅެމުންދާ އާއިލާއެއްގެ ކަންބޮޑުވުންތަކެއް އިހުސާސެއް ނުކުރެވޭނެއެވެ.
ތަރައްގީގެ މަޝްރޫއުތައް ހިންގެވުމުގައި ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށް ވިދާޅުވެ، އެތައް ވައުދުތަކެއްވި ނަމަވެސް ސަރުކާރެއް ހިންގަން ލިބުމުން މި ބޭފުޅުން ގައުމުގެ ހާލަތު ވަޒަންކުރައްވަނީ އޭސީ ކާރުތަކުގެ ކުޑަދޮރުން ފެންނަ މަންޒަރުތަކަށް ބައްލަވައިގެންނެވެ. ނަތީޖާއަކީ، ރާއްޖޭގެ ނިކަމެތި ރައްޔިތުން އުޅެމުންދާ ހާލަތާއި، ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން އުފުލަންޖެހޭ ތަކްލީފުތައް ސިޔާސީ އެޖެންޑާތަކުން މުޅިން ބާކީވެގެންދިއުމެވެ. ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންގެ ބަހުރުވަ ވެސް ހުންނަނީ މިފަދަ ގޮތަކަށެވެ. އެ ބޭފުޅުންގެ ނަޒަރުގައި ރައްޔިތުން އުޅެނީ ފުދިގެންނެވެ، ތަކެތީގެ އަގެއް ވެސް ބޮޑެއް ނޫނެވެ. ޑޮލަރު ވެސް ލިބެއެވެ. ރައްޔިތުންގެ ދިރިއުޅުން ވެސް “ހެޕީ” އެވެ.
މާލެއަށް މަރުކަޒުވުމާއި ހިޖުރަކުރުމުގެ އަސްލު ސަބަބު!
ރާއްޖޭގެ އިގްތިސާދަށް އައި ބަދަލުތަކުގެ އެންމެ ބޮޑު ފައިދާއެއް އޮތީ މަރުކަޒުކުރެވިފައެވެ. ކޮންމެ ވެރިކަމެއްގައި ވެސް ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކި ނަމަވެސަ ސަރުކާރުތަކުން ބަޖެޓްގެ ބޮޑުބައި ހޭދަކުރަނީ މާލެ ސަރަހައްދަށެވެ. ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގަނީ މާލެ ސަރަަހައްދުގައެވެ. ވެރިކަން ކުރާ ރަށަށް ވުމުން އެ ފަރަގު އައުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް އަސާސީ ހިދުމަތްތަކުން ރަށްތަކުން މަހުރޫމްކޮށްފައި މާލޭގައި ބްރިޖާއި އުސް އިމާރާތްތަކާއި ތާރު އެޅި މަގުތައް ހެދުން އިންސާފުވެރި ހެއްޔެވެ؟’ ގައިން ތާހިރުވެލާނެ ގޮތެއް ނެތް އެތައް ހާސް ބަޔަކު ރަށްތަކުގައި ދިރިއުޅެމުންދާ އިރު މާލޭ ކައިރީގައި ބޮޑެތި ބިންތައް ހިއްކުން އިންސާފުވެރި ވަނީ ކޮން ގޮތަކުންނެވެ.
ސަރުކާރަށް ފާޑުކިޔާ ފަރަތްތަކުން ވެސް ދެކޭ ގޮތުގައި ރަށްތަކުގައި އަސާސީ ހިދުމަތްތަށް ގާއިމުކުރުމުގެ ބަދަލުގައި މާލެ ސަރަހައްދު ތަރައްގީކުރުމަށް އަދި މި ވަގުތަށް ކޮންމެހެން ބޭނުން ނޫން އެތައް މަޝްރޫއުތަކެއް މިހާރު ވެސް ކުރިއަށް އެބަ ގެންދެއެވެ. އޭގެ އެއް މިސާލަކީ މާލޭ ދެކުނުން އެތައް ބިލިއަން ރުފިޔާއެއް ހޭދަކޮށްގެން ހިއްކާ ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެއެވެ.
“މި މާލެ މާލެއެއްގެ ގޮތުގައި އުފަންކުރުވީ އަޅުގަނޑުމެން ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިން. މި ދިވެހި ރާއްޖެ އަށް ލިބުނު ފައިސާގެ. މި ދިވެހި ރާއްޖޭގެ ބޭރުގެ ދަރަނި މިއަދު ހަތަރު ބިލިއަން ޑޮލަރުގައި ހުރި އިރު ގާތްގަނޑަކަށް އޭގެ 90 ޕަސެންޓް ދަރަންޏަކީ މި ސަރަހައްދު (މާލެ ސަރަހައްދު) ތަރައްގީކުރުމަށްޓަކައި، މި ރިއަލް ސްޓޭޓް މާކެޓް ފުޅަކުރުމަށްޓަކައި ހޭދަކުރި ފައިސާ. މި މާލެ އަށް ހުރިހާ އެއްޗެއް ޖަމާކުރީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާ އިން،” އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މަޖިލީހުގެ ޖަލްސާގައި ވިދާޅުވިއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ ޑޮލަރުގެ އަގު 21ރ. އަށް އަރައިގެން ދިޔައީ ފުށިދިއްގަރު ހިއްކުން ފަދަ ބަޖެޓަށް ނުކަތާވަރުގެ ބިޔަ މަޝްރޫއުތައް މާލެ ސަރަހައްދުގައި ހިންގުމުގެ ސަބަބުން ކަމަށެވެ. “ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ހުއްޓިފައި ވަނީ ހަގީގަތުގައި މިކަންތަކާ ގުޅިގެން،” ކަމަށް ވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
އިދިކޮޅުގައި ތިއްބަވާ އިރު ޑރ. ޝަމްހީދު ދެއްކެވި ފަދަ ވާހަކަތައް ކޮންމެ ސިޔާސީ ބޭފުޅަކު ވެސް ދައްކަވައެވެ. ނަމަވެސް މި ގައުމުގައި ދެ ފިކުރުގެ މީހުންގެ ވެރިކަން ވެސް ފެނިއްޖެއެވެ އެހެން ނަމަވެސް ސިޔާސަތުތައް ތަންފީޒުކުރުމުގައި ފެންނަން އޮތީ ހަމަ އެއް ހަމައެކެވެ. މާލެ ތޮއްޖެއްސުމާއި ރައްޔިތުންގެ ވިންދަން އިސްކަމެއް ދިނުމެއް ނެތި ބޮޑެތި ނިންމުންތައް ނިންމުމެވެ. ރައްޔިތުންގެ މެދުގައި ތަފާތުކުރުމެވެ. ޑރ. ޝަމްހީދު ނިސްބަތްވާ އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި ހިންގި ބިންވެރިޔާގެ ސްކީމަކީ ވެސް މިފަދަ ސްކީމެކެވެ. އެތައް ހާސް ރައްޔިތުންގެ ހައްގުތައް އެއް ފަރާތްކޮށް ހުޅުމާލެ އާއި މާލެ ސަރަހައްދުގައި ނުހިންގައި ހުރި ތަންތަނުން ބިންތައް ދިނުމުގައި ގެންގުޅުނީ މިހާރު އެ ބޭފުޅުން އެ ފާޑުކިޔާ ފަދަ ސިޔާސަތެކެވެ.
ސިޔާސަތު އެކުލަވާލާ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ރަށްރަށުގައި އެއާޕޯޓަކާއި، ބަނދަރަކާއި، ތާރު އެޅި މަގުތަކެއް ހެދުމުން ހުރިހާ ކަމެއް ހަމަޖެހުނީއެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. ރައްޔިތުން މާލެ ހިޖުރަކުރަނީ އެއަރޕޯޓެއް ނުވަތަ ތާރު މަގެއް ނެތިގެންނެއް ނޫނެވެ. އެމީހުން އަމިއްލަ ފަސްގަނޑު ދޫކޮށް މާލޭގެ ކުޑަކުޑަ ގޮޅިތަކަށް ހިޖުރަކުރަނީ އަސާސީ ބޭނުންތައް ފުރިހަމަކޮށްދެވިފައި ނުވާތީއެވެ. ކުޑަކުޑަ ބައްޔަކަށް ނުވަތަ ލެބޯޓްރީ ޓެސްޓެއް ހަދަން ވެސް މާލެ އަންނަން ޖެހޭ ރަށްތައް އަދި ވެސް އެބަ ހުއްޓެވެ. އިތުބާރު ހުރި ސިއްހީ ނިޒާމެއް ގާއިމުކޮށްދެވިފައެއް ނެތެވެ. ދަރިންނަށް މަތީ ތައުލީމާއި ރަނގަޅު ތަރުބިއްޔަތެއް ހޯދައިދޭނެ ފުރުސަތުތައް ރަށްރަށުން މަދެވެ. މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑު މައްސަލައަކީ އިގްތިސާދީ ފުރުސަތުތަކާއި ވަޒީފާތައް އުފެއްދިފައި ނެތުމެވެ. އުފެއްދުންތެރިކަން އިތުރުވާނެ ނުވަތަ ވަޒީފާތައް އުފެދޭ ފަދަ މަޝްރޫއުތަކެއް ހިންގިފައި ނެތުމުން ރަށުން ނުވަތަ ރަށާ ކައިރިން ލިބޭނެ ގޮތެއް ނެތެވެ. ނަތީޖާއަކަށް ވެފައި ވަނީ ރަށްތައް ފަޅުކޮށް އާއިލާތައް މާލެ އަށް ހިޖުރަކުރަން ޖެހުމެވެ. އެހެން ނަމަވެސް ކޮންކްރީޓް ބިނާތަކުން އެކަނި ރަށެއް ތަރައްގީ ނުކުރެވޭނެކަމާއި، އިންސާނީ ތަރައްގީއަށް އިންވެސްޓްކުރަން ޖެހޭކަން ނުފޫޒުގަދަ ބޭފުޅުންނަށް ވިސްނިވަޑައެއް ނުގަނެއެވެ.
މި ކަންކަމަށް ހައްލު އަންނަން އޮތީ ސިޔާސީ ބޭނުންތަކަށް ބޭފުޅުން ވެވެވަޑައިގަންނަވާ ވައުދުތަކަށް ވުރެ ބޮޑަށް ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތައް ކަނޑައެޅުން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައިގެންނެވެ. “ބޭފުޅުން”ގެ އަމިއްލަ މަސްލަހަތާއި، ބޮޑެތި ވިޔަފާރިތަކުގެ ނުފޫޒުން ސިޔާސަތުތައް މިނިވަންކުރެވިގެންނެވެ. ގައުމުގެ އަސްލު ތަރައްގީއަކީ ހަމައެކަނި ބިޔަ މަޝްރޫއުތަކެއް ނޫންކަން ދަނެ، އިންސާނީ ވަސީލަތްތަކާއި، އަސާސީ ބޭނުންތައް ފުއްދައި ދެވިގެން ނޫނީ މުޅި މައްސަލަ އަށް ހައްލެއް ހޯދޭނެ ގޮތެއް ނެތެވެ. ތާއީދު ހޯދުމުގެ ބޭނުމުގައި ކޮންމެ އަތޮޅެއްގައި ތިން ހަތަރު އެއާޕޯޓު އެޅުމާއި ބަޖެޓަށް ނުކަތާ ވަރަށް ބިން ހިއްކުމަކުން ރައްޔިތުންގެ ހަގީގީ މައްސަތަލަށް ހައްލެއް ނުލިބެއެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގާގެ ތަރުތީބެއް އެކުލަވާލަން ޖެހެއެވެ. އެކަންކުރަން ޕާޓީތަކުގެ މެނިފެސްޓޯތަކަށް ގެނެވޭނީ ރައްޔިތުންގެ އަޑު އަހައިގެންނެވެ. އަދި ތަންފީޒުކުރެވޭނީ ސިޔާސީ ބޭނުންތަކަށް ވުރެ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އިސްކަންދީގެނެވެ.


