ސުރުހީއަކުން ޑޮލަރުގެ އަގު ދަށްކުރެވިދާނެތަ؟

15 އޯގަސްޓް 2026 - 14:25

ތެދެކެވެ! ފެތުރޭ ވާހަކަތަކެއް ނުަވަތަ ޚަބަރުތަކެއްގެ ސަބަބުން ބާޒާރުގެ އަގުތަކަށް ބަދަލު އައުމަކީ އިގްތިސާދީ ހަގީގަތެކެވެ. ތެލުގެ ބާޒާރާއި ހިއްސާގެ ބާޒާރުގައި އަގު މަތިވުމާއި ދަށްވުން ބައެއް ފަހަރު ޚަބަރުތަކާއި ފެތުރޭ ވާހަކަތަކަށް ބަރޯސާ ވެއެވެ. ރާއްޖޭގައި ވެސް މިކަން މިހެން ވެއެވެ. ހާއްސަކޮށް ރޯދަމަސް ފަދަ ތަކެތީގެ ޑިމާންޑް ބޮޑު ދުވަސްވަރެއްގައި ނަމަވެސް ބާޒާރުން ވަކި ބާވަތެއް ހުސްވާ ކަމުގެ ޚަބަރުތަކާ އެކު ތަކެތީގެ އަގަށް ބަދަލު އަންނަ ފަހަރު ދެއެވެ. ނަމަވެސް ސުވާލަކީ ރާއްޖޭގެ ޑޮލަރުގެ އަގަށް ބަދަލު އައިސްގެން މިއުޅެނީ މިފަދަ ކަމަކާ ގުޅިގެން ހެއްޔެވެ؟

ދާދި ފަހުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ބޮޑުވެގެން އުޅެނީ ބައެއް މީޑިއާތަކުން ނުވަތަ ނޫސްވެރިން ޖަހާ ސުރުހީތަކެއްގެ ސަބަބުން ކަމަށެވެ. މިނިސްޓަރުގެ ތުހުމަތު އަމާޒުވަނީ މަދު މީޑިއާއަކަށެވެ. ނަމަވެސް އެއީ ހަގީގަތެއް ހެއްޔެވެ؟

advertisement

⁠ނޫސްވެރިކަމުގެ ނުފޫޒާއި ނަފްސާނީ އަސަރު!

އާންމުންގެ ތެރޭގައި ފެތުރޭ ވާހަކަތަކުން ޑޮލަރުގެ އަގަށް ބަދަލު އައުމުގެ ފުރުސަތު އޮވެއެވެ. މިސާލަކަށް “ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް!” ނުވަތަ “ޑޮލަރު ހުސްވަނީ!” ފަދަ ސެންސޭޝަނަލް ސުރުހީތަކުގެ ސަބަބުން، މާކެޓުގައި ބިރުވެރިކަން އުފެދި، އާންމުންނާއި ވިޔަފާރިވެރިން ނުއަގުގައި ވެސް ޑޮލަރު ގަނެ އެއްކުރަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން މާކެޓުގައި ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ އެވެ. އަދި ޑޮލަރު ވިއްކާ ފަރާތްތަކުން އޭގެ ނާޖާއޒު ފައިދާ ނަގައި ޑޮލަރުގެ އަގު މައްޗަށް ޖައްސާލައެވެ. 

ނަމަވެސް ރާއްޖޭގެ ޑޮލަރުގެ މާކެޓަށް ވެގެން އުޅެނީ މިހެން ހެއްޔެވެ؟ ފެންނަން ހުރި ހަގީގަތްތަކަށް ބަލާއިރު ހަމައެކަނި ފެތުރޭ ޚަބަރަކުން ނުވަތަ ދެތިން ނޫހެއްގައި ޖަހާ ސުރުހީއަކުން ޑޮލަރުގެ މާކެޓަށް އެހާ ބޮޑު ލޮޅުމެއް އަރާފާނެ ކަމަށް ގަބޫލުކުރުމަކީ މި ދަނޑިވަޅަށް ބަލާއިރު އެހާ ފަސޭހަ ކަމެއް ނޫނެވެ. 

ޑޮލަރުގެ އަގު މަތިވެގެން އުޅެނީ އިއްޔެއަކު މިއަދަކު ނޫނެވެ. ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ ޑޮލަރަކަށް 15.42ރ. ކަމަށް ވިޔަސް އެ އަގުގައި ޑޮލަރު ލިބުނު ދުވަހެއް މިހާރު ހަނދާނެއް ނެތެވެ. ޑޮލަރުގެ އަގު 17ރ. އިން މައްޗަށް ޖެހެމުން ގޮަސް އެންމެ ފަހުން ބްލެކް މާކެޓްގައި ޑޮލަރު ލިބެން ހުރީ 22ރ. އިން މަތީގައެވެ. ނަމަވެސް މިހެންވީ ނޫސްވެރިންނާ ހެދިއޭ ބުނެ ނިންމާލެވޭކަށް ނެތެވެ.

ގިނަ މީޑިއާތައް ސަރުކާރުގެ ނުފޫޒުގައި!

މިނިސްޓަރު ސައީދު އެ އިސާރާތްކުރެއްވީ ދެތިން ނޫހެއްގެ ސުރުހީތަކަށެވެ. ނަމަވެސް ރާއްޖޭގައި ހުރި ގިނަ މީޑިއާތަކުގެ “ކޮންޓްރޯލް” މި ވަގުތު ވެސް އޮތީ ސަރުކާރަށެވެ. ގިނަ ނޫސްތަކުގެ އާމްދަނީ ބިނާވަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ދޭ ފައިސާގެ މައްޗަށެވެ. އެހެންކަމުން ސަރުކާރުން ބޭނުން ސުރުހީއެއް ޖެހުމުގެ ފުރުސަތު އޮވެއެވެ. 

މިނިސްޓަރުގެ މި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. އެ ގޮތުން ސަރުކާރުން ބޭނުންވާ ސުރުހީތަކާއި ޚަބަރުތައް ޖެލުމަށް އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުންނާއި ކުންފުނިތަކުގެ ބަޖެޓުން ހޭދަކުރާ އިރު އެންމެ ދެ ނޫހެއްގެ ސުރުހީ އިން މުޅި މާކެޓް ކޮންރޯލްކުރާ ނަމަ އެއީ ސަރުކާރުގެ ފެއިލްވުމެއް ކަމަށް ބައެއް މީހުން ބުނެފައ ވެއެވެ. އަދި އެހާ ގިނަ ފައިސާ މީޑިއާތަކަށް ހޭދަކުރުމުގެ މާނައެއް ނެތް ކަމަށާއި ސަރުކާރުގެ ޕީއާރު ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ. 

ސުރުހީއަކުން އެކަނި މައްސަލަ ހައްލުވޭނެތަ؟

މީޑިއާތަކުން ފަތުރާ ޚަބަރުތަކުން މާކެޓަށް ކޮންމެ ވެސް ބަދަލުތަކެއް އައުން ގަބޫލުކުރެވިދާނެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ނޫސްވެރިން ކޮންމެ ގޮތަކަށް ސުރުހީ ލިޔުނަސް އިގްތިސާދީ އަސާސީ ގާނޫނުތައް ނުވަތަ އުސޫލްތަކާއި ތިއަރީތައް ބަދަލެއް ނުކުރެވޭނެއެވެ. ޑޮލަރުގެ އަގާއި ސަޕްލައި އަދި ޑިމާންޑާ ގުޅިފައިވާ ހަގީގަތް އެއީ ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ ޑޮލަރުގެ އަގު އުފުލިގެން އުޅޭ މައިގަނޑު ސަބަބަކީ ޑޮލަރުގެ ފަހަތުން ދުވާ ފައިސާ ގިނަ ވުމެވެ. ނުވަތަ ސަބަބުތައް ގިނަ ވުމެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮތް ގައުމެކެވެ. ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެތެރެކުރަނީ ރާއްޖެއިން ބޭރުންނެވެ. މިއިން ކޮންމެ އެއްޗެއް އެތެރެކުރުމަށް ބޭނުންކުރާ ބޭރު ފައިސާއަކީ ޑޮލަރެވެ. އެހެންކަމުން ރަސްމީ ރޭޓުގައި ނުވަތަ ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ނުލިބޭ ނަމަ ނުވަަތަ ލިބުމުގައި ދަތިތައް ކުރިމަތިވާ ނަމަ ވިޔަފާރިވެރިން ޑޮލަރު ހޯދާނީ ބްލެކް މާކެޓުންނެވެ. ނަތީޖާއަކަށް ވަނީ ބްލެކް މާކެޓްގައި ހުރި ޑޮލަރުގެ ފަހަތުން ދުވާ ފައިސާ އިތުރުވުމެވެ. އޭގެ ސަބަބުން ޑޮލަރުގެ އަގު އުފުލެނީ އެވެ. 

އޭވިއޭޝަން ދާއިރާ އާއި ޓްރެވެލިން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ދާދި މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ވިޔަފާރިންނަށް ޑޮލަރު ނުލިބިގެން ނޫޅޭ ކަމަށެވެ. ބްލެކް މާކެޓުން ބޭނުން ވަރަކަށް ޑޮލަރު ލިބޭ ކަމަށާއި މައްސަލައަކަށް ވަނީ ރަސްމީ ރޭޓްގައި ބޭންކިން ސިސްޓަމްގެ ތެރެއިން ޑޮލަރު ނުލިބުން ކަމަށް އޭނާ ވިދާޅުވިއެވެ. 

“ނުއަގުގައި ބޭނުން ވަރަކަށް ގަންނަން ލިބޭ ދެއްތޯ. އަޅުގަނޑުމެންނަށް ޑޮލަރު ނުލިބިގެންނެއް ނޫޅޭ. ޑޮލަރަށް އެޑުވާ އާޓިފިޝަލް ޕްރައިޒެއް، އެޑްވާ 35 ޕަސެންޓާ އެކު އެބަ ލިބޭ ޑޮލަރު،” އިކޮނޮމިކް މިނިސްޓްރީން ދާދި ފަހުން ބޭއްވި “އިގްތިސާދުގެ ދެ ފަރާތް” ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ފިރާގު ވިދާޅުވިއެވެ. 

ޑޮލަރުގެ އަގާއި ދައުލަތުގެ ހަރަދު!

ޑޮލަރުގެ އަގު ކަނޑައަޅަކީ ގައުމަށް ވަންނަ ބޭރު ފައިސާ އާއި ގައުމުން ބޭރުވާ ފައިސާގެ މައްޗަށެވެ. މިސާލަކަށް ދައުލަތުން ކުރާ ހޭދަ އިތުރުވުން ވެސް ޑޮލަރުގެ ރިޒާވް ދަށްވެއެވެ. އޭގެ ސަބަބުން އާންމު ވިޔަފާރިތަކަށް ޑޮލަރު ލިބުން ދަތިވެއެވެ. އެހެންކަމުން ޑޮލަރުގެ އަގު ދަށްކޮށް ދިވެހި ރުފިޔާގެ އަގު މަތިކުރަން ބޭނުން ނަމަ ދައުލަތުގެ ރިޒާވް މަތިކުރަން ޖެހެއެވެ. ގައުމަށް ޑޮލަރު ވަންނަ މިންވަރާއި ގައުމުން ބޭރުވާ މިންވަރު ބެލެންސް ނުވާ ނަމަ، ސުރުހީއަކުން އެކަނި ޑޮލަރުގެ އަގު ދަށްކުރެވޭނެ ގޮތެއް ނޯންނާނެއެވެ.

ދިވެހި ފައިސާގެ އަގު މަތިކުރަން ބޭނުން ނަމަ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ޖެހެއެވެ. އެހެން ނަމަވެސް މި މަންޒަރެއް ނުފެނެއެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް ތަފާސް ހިސާބުތަކުން ދައްކަނީ އެއާ ދެކޮޅު އަދަދުތަކެކެވެ. ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މުސާރަ ބިލު ދުވަހެއް ދުވަހަކަށް ބޮޑުވާތަނެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓް މުވައްޒަފުން މަދުކުރުމުގެ ވާހަކަ ދެއްކި ނަމަވެސް ސަރުކާރުން ސިޔާސީ މަގާމުތައް އުފައްދާ މިންވަރު މަދެއް ނުވެއެވެ. ވަޒީރުންގެ އަދަދު މަދުކުރި އިރު މަދުކުރި ފަރާތްތަކަށް ތަފާތު ނަންނަމުގައި ކުރިއަށް ވުރެ ބޮޑު ހޭދައެއް ކުރަންޖެހޭ ގޮތަށް ސަފީރުންނާއި އެ ނޫން ވެސް މަގާމުތައް ދިނުމުން ދައްކާ ވާހަކަ އާއި އަމަލާ ދިމަލެއް ނުވެއެވެ. ނޫސްތަކުގެ ސުރުހީތަކުން ޑޮލަރުގެ ވާހަކަ ވަޒީރަށް ފެނިވަޑައިގަތަސް އާންމު މީހާ އަށް ފެންނަނީ ސަރުކާރުން އަލަށް އުފައްދާ ސިޔާސީ މަގާމުތަކެވެ.

ނޫހުގެ ސުރުހީތަކާއި މެނިޕިއުލޭޝަން!

ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކާއި އަތުވެދާނެ ބަދަލުތަކާ ގުޅޭ ޚަބަރުތައް ދުނިޔޭގެ ބޮޑެތި ހުރިހާ ނޫހެއްގައި ލިޔެއެވެ. އެއީ އާ ކަމެއް ވެސް ނޫނެވެ. ނަމަވެސް ގަސްތުގައި އެކްޗޭންޖް ރޭޓް މެނިޕިއުލޭޓްކުރުމަކީ މުޅިން އެހެން ކަމެކެވެ. އެއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުށެކެވެ. ހިއްސާގެ ބާޒާރަށް ލޮޅުން އެރުވުމަށް ގަސްތުގައި ވާހަކަތައް ފެތުރުމާއި ކުންފުނިތަކުގެ އަގު ވައްޓާލުން ފަދަ ކަންކަމަކީ ބައެއް ގައުމުތަކުގައި ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ. ރާއްޖޭގައި މިހާރު ކަން ހިނގަނީ އެގޮތަށް ހެއްޔެވެ؟ ނޫނެކެވެ. މިއީ ބަޔަކު ގަސްތުގައި ކުރާ ކަމެއް ހެން ހިޔެއް ނުވެއެވެ. އޭގެ ބަދަލުގައި ބާޒާރުގައި ޑޮލަރުގެ އަގު ހުރި މިންވަރު އެ ހުރި ގޮތަށް ރިޕޯޓްކުރުމަކީ ނޫސްވެރިންނަށް އަދި މީޑިއާތަކަށް ލިބިގެންވާ ހައްގެކެވެ. ކަން މިހެން ހުރި ނަމަވެސް “ކްލިކް” ހޯދުމުގެ ބޭނުމުގައި މާކެޓު ގަނޑުބަޑުވާ ފަދަ “ކްލިކްބޭޓް” ސުރުހީތައް ލިޔުމަކީ މީޑިއާތަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ވެސް ޖެހެއެވެ. 

ސައީދުގެ ވާހަކަތަކަށް ރައްދު ދީ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ އަލީ ސުލައިމާން ލިޔެފައި ވެއެވެ.  “ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 335 ނޫސް އެބައޮތެވެ. އޭގެތެރެއިން ދެތިން ހަތަރު ނޫހެއް ފިޔަވައި ގިނަ ނޫސްތަކަކީ ސަރުކާރުން ބޭނުންވާ ގޮތަށް ޚަބަރާއި ރިޕޯޓް ލިޔެދޭ ނޫސްތަކެވެ. ވީމާ ދެ ނޫހަކަކުން ލިޔާ ޚަބަރާއި ހެދި ޑޮލަރު އަގުބޮޑުވެ ސަރުކާރު ކޮށިއަރާކަމަށް ވަންޏާމު، މިލިޔަނުން ފައިސާދީގެން ދެތިން ސަތޭކަ ނޫހާއި ތިން ހަތަރު ޓީވީޗެނަލް ހިންގައިގެން ވެސް ސަރުކާރަކަށް ނަތީޖާއެއް ނުނެރެވޭ ނޫންހެއްޔެވެ؟

ޑޮލަރުގެ އަގަށް ވެގެން އުޅޭ ގޮތް ނޭނގިގެން އެއްވެސް މީހަކު ނޫޅެއެވެ. ސަރުކާރަށް ވެސް އަގު ދަށްކުރަން ކުރަންޖެހޭ މަސައްކަތްތައް އެނގެއެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެ ލަފާތައް ދޭތާ އެތައް އަހަރެކެވެ. އެކި ސަރުކާރުތަކުގައި އެކި މިންވަރަށް އެ ވާހަކަތައް ދެއްކި އެވެ. އެ ނަސޭހަތްތައް ދިނެވެ. ނަމަވެސް ބީރު ކަންފަތެއް ދީ ދަރަނީގެ މައްޗަށް ދަރަނި ނަގައި ދައުލަތުގެ ހަރަދު ބޮޑުކުރުމަކީ މިއަދު މިދެކޭ އިގްތިސާދީ ދަތިކަމުގެ އަސްލެވެ. ސިޔާސީ ފަޔަށް ބުރަ ނުވެ ހިތި ބޭސް ބޮއިގެން ނޫނީ މި ހާލަތުން ސަލާމަތްވާނެ ގޮތެއް ނެތެވެ. ކުރަންޖެހޭ ކަމަކީ ހަރަދުތައް ކުޑަކުރުމެވެ. ގައުމުން ބޭރުވެގެންދާ ޑޮލަރުގެ އަދަދު މަދުކުރުމެވެ. އުފެއްދުންތެރިކަން އިތުރުކުރުމެވެ.  މިއީ ނޫހަކުން ޖަހާ ސުރުހީއަކުން ކުރެވޭނެ ކަމެއް ނޫނެވެ. ނޫސްވެރިންނަށް ކުރެވޭނެހާ ވެސް ކަމަކީ އެކަން އެ ހިނގި ގޮތަކަށް ބުނެދިނުމެވެ. ނުވަތަ އެކަމަށް ފާޑުކިޔުމެވެ. ދިރާސާތަކުގެ އަލީގައި ރިޕޯޓްތައް ލިޔުމެވެ. ދެތެކެވެ. ނޫހަކުން ޖަހާ ސުރުހީއަކުން ޑޮލަރުގެ އަގު ދަށްވާ ނަމަ އެކަން ކޮށްދޭން ނޫސްވެރިން މި ތިބީ ތައްޔާރަށެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0